02 Nov 2021, 19:27
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ތިން ފަނޑިޔާރަކު ދެއްކެވި ވާހަކަ ކަމަށް ބުނާ ވާހަކައިގެ އޯޑިއޯ ތަކާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާން ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ލީކުވެފައިވާ އޯޑިއޯ ތަކާ ގުޅިގެން ޖޭއެސްސީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަހުލީލުތަކުން އެނގޭގޮތުގައި އެ އޯޑިއޯތަކުގެ އަޑާ ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު އެކަނިކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑުކަމަށް ބުނާ އޯޑިއޯތަކުގައި އިވެނީ އެ ދެ ގާޒީންގެ އަޑު ނޫން ކަމަށެވެ. އަދި އެ ދެ ގާޒީންގެ މައްޗަށް އުފައްދައިފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް، އެ ދެ ގާޒީންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް އެ ބަޔާނުގައިވެއެވެ.
ޖޭއެސްސީގެ ބަޔާނާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޖޭއެސްސީން ނެރުނު ބަޔާނަކީ، އޯޑިއޯތަކުގެ ތަހުގީގު ލަސްވާތީ، އެ ކޯލިޝަންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކައަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ވަރަށް ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމަށެވެ.
އަދުރޭ ވަނީ އެ އޯޑިއޯތައް ހިފައިގެން ފުރަން އުޅޭ ކަމުގެ މައުލޫމާތު، ފުލުހުންގެ ފަރާތުން ލިބިފައި އޮއްވާ ރޭގެ ވަގުތެއްގައި އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ޖޭއެސްސީން ނެރުނު ބަޔާނާމެދު ކަންބޮޑުވުން ފައުޅު ކުރައްވާފައެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އޯޑިއޯތައް ހިފައިގެން ފުރަން އުޅޭ ވާހަކަ. އެހެން އޮއްވާ ރޭގެ ވަގުތެއްގަ ކިހިނެއްތޯ މި އަޑުތައް ކަށަވަރު ކޮށްފަ ބަޔާން ނެރެންވީ. ކޮބައިތޯ ބޭރުގެ ފަރާތަކާ ހަވާލު ކޮށްގެން ކުރި މަސައްކަތުގެ ނަތީޖާއަކީ. އެކަން އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރާއްޖެއިން ބޭރުން ކުރި ތަހްލީލުގެ ނަތީޖާ ރައްޔިތުންނަށް އެނގެން އެބަޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު އެ އޮތީ ހުކުމާ ހަމައަށް ގޮސްފައި ކަމަށާއި އެހެންކަމުން އޯޑިއޯތަކުގައި އެ ދައްކާ ވާހަކަ ތަކަކީ އެމަނިކުފާނުގެ ހުކުމް ބާތިލްވާވަރުގެ ސީރިއަސް ވާހަކަތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ސުޕްރީމް ކޯޓް، އިންސާފުވެރިވާނެ ކަމުގެ ޔަގީން އެބައޮތް ކަމަށެވެ.
"ސުޕްރީމް ކޯޓު އިންސާފުވެރިވާނެ ކަމަށް އަޅުގަނޑުމެން ޔަގީން ކުރަން. އެ ކޯޓުން ރާއްޖޭގެ އަދުލުއިންސާފު ނަގަހައްތާނެކަމުގެ ޔަގީންކަން އެބައޮތް. ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާ ހަލާކުވެގެންދާން ސުޕްރީމް ކޯޓުން ދޫ ނުކޮށްލާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިންސާފުވެރިކަމުގެ ތަރާދުން ކިރައިފި ނަމަ، މިނިވަނެއްގެ ގޮތުގައި އެމަނިކުފާނު ނުކުންނަވާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނުހިނގާ ކަމަށެވެ.