02 Nov 2021, 15:28
ގައުމީ ފުޓުބޯޅަ ޓީމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ބައެއް ކަމަށާއި، ފުޓުބޯޅައިގެ ސަބަބުން ގައުމު އެއްބައިވަންތަކޮށް، އެކަކު އަނެކަކާ އޮންނަ ގުޅުން ވަރުގަދަ ކޮށްދޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ހޮޓެލް ޖެންގައި ގައުމީ ފުޓުބޯޅަ ޓީމާއެކު ބައްދަލުކުރައްވަމުން ފައިސަލް ވަނީ ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕާއެކު ދިވެހިންގެ ތެރެއިން ފެނުނު އެއްބައިވަންތަކަމާއި، ޖޯޝާއި ފޯރިއަށް ތައުރީފްކޮށްފައެވެ. އަދި އެ އުފާވެރިކަން ގެނުވި ހަގީގީ ސަބަބަކީ ދިވެހި ގައުމީ ޓީމުގެ ރީތި ކުޅުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ދިވެހި ރާއްޖޭގެ ރައްޔިތުން އެއްކަމަށް ލޯބި ކުރާ، އެއްކަމަށް ސަޕޯޓް ކުރާ ކަމަކަށް އަބަދުވެސް ވެފައި މިއޮންނަނީ ފުޓުބޯޅަ. އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ވަކިވަކި މީހުންނަށް ބެލިކަމުގައި ވިޔަސް އެއް ކަމަކަށް ހުސްވެގެން ހުންނަ ކަމަކީ ފުޓުބޯޅަ،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، އެބޭފުޅާގެ ޅަ އުމުރުގައި ވެސް އެންމެ ކުރާހިތުން ކުރެއްވި އެއް ކަމަކީ ފުޓުބޯޅަ ކުޅުން ކަމަށާއި، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މިވަގުތު މަސައްކަތް ކުރާ ކުރީގެ ގައުމީ ކީޕަރު މުހައްމަދު އިމްރާންއާ އެކު ފުޓުބޯޅައިގެ މަސައްކަތްތައް ކުރެއްވި ކަމަށެވެ.
"ވޭތުވެ ދިޔަ ސާފް ޗެމްޕިއަންޝިޕުގައި ހަގީގަތުގައި ފެނިގެން ދިޔައީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އާދަޔާޙިލާފު ސަޕޯޓެއް. ކޮންމެ މީހެއްގެ ފަރާތުން ފެނުނީ އެ ބައިވެރިވުން. ދިވެހި ރާއްޖޭގެ ރަށްތަކުންނާއި، މާލެއާއި ދަނޑުމަތިން ވެސް އެކަން ފެނިގެން ދިޔަ،"
މި މަހު ސްރީ ލަންކާގައި ބާއްވަން ނިންމާފައިވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް ދިއުމުގެ ކުރިން ފައިސަލް ވަނީ ޓީމަށް ވެސް ހިތްވަރު ދެއްވައިފައެވެ. ފައިސަލް ވިދާޅުވީ، ދިވެހި ޓީމުން ކުރީ މުބާރާތުގައި ވެސް ދެއްކީ "ނަލަ" ކުޅުމެއް ކަމަށެވެ.
"ކޮންމެ ފަހަރަކު ހުރިހާ ޓީމަކަށް ކާމިޔާބެއް ނުވާނެ. މުބާރާތެއް ކާމިޔާބުވެގެން މިދަނީ ފައިނަލް މެޗެއްގެ ޓްރޮފީ ލިބެނީ އެއް ޓީމަކަށް. އެކަމަކު ތަށި ނުލިބޭ ކޮންމެ ފަހަރަކީ އަޅުގަނޑުމެން ހިތްވަރު ބަލިކޮށްލަން ޖެހޭ ފަހަރެެއް ނޫން. އަޅުގަނޑު ގަބޫލު ކުރަނީ އެއީ ވެސް ލިބޭ ފުރުސަތެއްގެ ގޮތުގައި."
ސްރީ ލަންކާގައި މި މަހު އަށަކުން 17އަށް ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ބައިވެރިވަނީ އެ ގައުމުގެ އިތުރުން ރާއްޖެ އާއި ސީޝެލްސް އަދި ބަންގްލަދޭޝް އެވެ. މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ކޮލަމްބޯގެ ރޭސްކޯސް ގްރައުންޑްގައެވެ.