02 Mar 2012, 17:21
ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރަސީއެއްގެ ހިތް ކަމަށާއި ޕާލަމެންޓް ހުޅުވިޔަ ނުދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްޔެ ކުރި މަސައްކަތް ނާކާމިޔާބުވެ، ރިޔާސީ ބަޔާން އިއްވުން ފަސްކުރުމާ ގުޅިގެން ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ، ނުފޫޒު ނުފޯރުވުމަކީ މެމްބަރުންގެ ޒިންމާއެއް ކަމަށެވެ.
ބަހުސްކޮށްގެން ގައުމީ ކަންތައްތައް ނިންމުމަށް ޓަކައި އިހުތިރާމު ލިބިގެންވާ ގޮތެއްގައި ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މަސައްކަތް ކުރުމަށް އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ކޮމަންވެލްތުން ހިތްވަރުދޭ ކަމަށް ވެސް އެޖަމާއަތުގެ ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަކީ ރާއްޖެ އާއި ދުނިޔެ އިން ގަބޫލުކުރާ ތަނެއް ކަމަށާއި އެމަޖިލީހުގެ މެމްބަރުންނަކީ މުސްތަގުބަލަށްޓަކައި ބަހުސްކޮށް، މުސްތަގުބަލަށްޓަކައި ފާސްކުރަން ޖެހޭ ގާނޫނުތައް ފާސްކުރުމަށް، ތިއްބަވާ ރައްޔިތުންގެ މަންދޫބުން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
"މިނިވަންކަމާ އެކު ހިޔާލުފާޅުކުރުމަކީ ވެސް ކޮމަން ވެލްތުގެ މުހިއްމު އުސޫލެކެވެ. އަދި އެއީ ވެސް ގާނޫނު އަސާސީގެ ޑިމޮކްރަސީ އެވެ. އަދި ގާނޫނު އަސާސީއާ އެއްގޮތަށް މަގާމުތަކަށް އައްޔަން ކޮށްފައި ތިއްބަވާ ބޭފުޅުންގެ ކަރާމަތަށް އިހުތިރާމްކޮށް، އެފަދަ ބޭފުޅުންގެ ޒިންމާތައް ފުރިހަމަ މިނިވަންކަމާ އެކު އަދާކުރުމަށް ޖާގަ ދޭންވާނެ އެވެ." ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ.