ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26)ގެ ހަވާސާގައި ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޭއްވެވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

މި ހަފްލާ ކުރިއަށްދިޔައީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ހުންނަ ކެލްވިންގްރޯވް އާޓް ގެލަރީ އެންޑް މިއުޒިއަމްގައެވެ.

ވީ.ވީ.އައި.ޕީ.ގެ މި ހާއްސަ ހަފްލާގައި ރައީސް ވަނީ 120 އަށްވުރެ ގިނަ ގައުމުތަކުގެ ސަރުކާރާއި ދައުލަތުގެ އިސްވެރިންނާ އެކު ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންގެ ވާހަކަތައް ހިއްސާ ކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.

ކޮޕް26 ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގައި ބައިވެރިވާ ދުނިޔޭގެ ލީޑަރުންނަށް އެ ބޭފުޅުން ކުރައްވާ މަސައްކަތް އިތުރުކުރައްވައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އިތުރު އަހަންމިއްޔަތުކަމެއް ދީގެން އުންމީދީ ނިންމެވުންތައް ނިންމައި އެކަމުގައި އެބޭފުޅުންގެ ވާޖިބު އަދާކުރެއްވުމަށް ގޮވާލައްވާފައެވެ.

ކޮޕްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުގައެވެ.