02 Nov 2021, 09:43
ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ކުރިޔަށްއޮތް ދިހަވަރަކަށް އަހަރު ތެރޭގައި ޖަންގަލިތަކުން ރުއްގަސް ކެނޑުން ނިމުމަކަށް ގެނައުމަށް ޖަންގަލިތައް ހިމެނޭ ގައުމުތަކުން ވަނީ އަޒުމު ކަނޑައަޅާފައެވެ.
އިނގިރޭސިވިލާތުގެ ގްލާސްގޯގައި އިއްޔެ ފެށި ދުނިޔޭގެ ތިމާވެއްޓާބެހޭ ބޮޑު ސަމިޓް "ކޮޕް26" ގައި ދުނިޔޭގެ ޖަންގަލިތަކުގެ 85 އިންސައްތައް ހިއްސާކުރާ ގައުމުތަކުގެ މަސްއޫލުވެރިން ވަނީ މިމައްސަލާގައި މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު އެބޭފުޅުން ވިދާޅުވެފައިވަނީ 2030 ވަނަ އަހަރު ނިމުމުގެ ކުރިން ޖަންގަލިތަކުން ގަސް ކެނޑުން ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއްގައި "ކޮޕް26" ގެ ތެރޭގައި އެގައުމުތަކުން ސޮއިކުރާނެ ކަމުގައެވެ.

ޖަންގަލިތަކުގައި ދަނޑު ހެއްދުމަށް ބިން ސާފުކުރަނީ
ދުނިޔޭގެ ޖަންގަލިތައް އެންމެ ބޮޑަށް ހިއްސާކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބްރެޒީލް، އިންޑޮނޭޝިޔާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އެމެރިކާ، ކެނެޑާ، ރަޝިޔާ އަދި ކޮލޮމްބިޔާ އެވެ. މިނޫން ގައުމުތައްވެސް ޖަންގަލިތައް އެކި މިންވަރަށް ހިއްސާ ކުރެއެވެ. މިގައުމުތަކުން މިގޮތަށް ނިންމައި އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް މިއީ އަމަލީގޮތުން ކުރެވޭނެ ކަމެއް ނޫންކަން މާޒީންވަނީ ހާމަވެފައެވެ.
ތިމާވެށި ހިމާޔަތްކުރުމާބެހޭ ގިނަ އަދަދެއްގެ އެއްބަސްވުންތައްވަނީ ސޮއިކުރިނަމަވެސް އެއަށް އަމަލީ ސިފަގެނައުމުގައި ނުކުޅެދިފައެވެ. ސަބަބަކީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރަންޖެހޭ ގިނަކަންކަމަކީ އިންސާނުންގެ އާމްދަނީ އާއި ދިރިއުޅުން އާރާސްތުކުރުމާ އަދި ބަނޑު ފުރާނަ މުއްތިކުރުމާ ގުޅިފައިވާ ކަންކަމަށްވާތީއެވެ.
ތިމާވެއްޓަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ފިއްތުންތަކާ ގުޅިގެން ވަކި މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ ޖަންގަލިތަކުން ގަސް ކެނޑުން ނިމުމަކަށް ގެނައުމަށް 2014 ވަނަ އަހަރުގައިވެސް ބައެއްގައުމުތަކުން ސޮއިކުރިއެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެގައުމުތަކުން އަމަލުކޮށްފައެއް ނުވެއެވެ.

އާމްދަނީ ހޯދުމަށް ޖަންގަލިތަކުން ގަސްކަނޑައިގެން އުފައްދާފައިވާ ލަކުޑި
ދުނިޔޭގެ ޖައްވަށް ކާބަންޑައިއޮކްސައިޑް ބޭރުކުރުމަށް އިންސާނުންކުރާ ކަންކަމަކީ އާމްދަނީ ހޯދުމަށް ހިންގާ އިގްތިސާދީ ހަރަކާތްތަކެވެ. ޖައްވު ހޫނުމަށް މެދުވެރިވާ ކަންތައްތަކުގެ ތެރެއިން ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ހިއްސާކުރަނީ ލަކުޑީގެ ބޭނުމަށް ޖަންގަލިތަކުން އާދަޔާ ޚިލާފަށް ގިނައިން ގަސްތައްކެނޑުމާއި، ޖަންގަލިތައް އަންދައި ބިން ސާފުކޮށްގެން ދަނޑުވެރިކަން ކުރުންކަމަށް ތިމާވެއްޓާބެހޭ ރިޕޯޓްތައް ބުނެއެެވެ.
ހޫނުވުމުގެ ސަބަބުން ތަބީއީ ގޮތުން ދުނިޔޭގެ ޖަންގަލިތައް އަނދައި މިލިޔަނުން ގަސްތައް ނެތިގެން ދިޔުމަކީ މިހާރު ދުނިޔޭގައި ވަރަށް އާންމު ކަމެކެވެ. މީގެއިތުރުން ޖަންގަލިތައް އަންދައި ބިން ސާފުކޮށްގެން އެ ބިންތަކުގައި ގެރި ބަކަރި ފަދަ ޖަނަވާރުތައް މިލިޔަނުން ގެންގުޅުމުގެ ސިނާއަތަކީ ދުނިޔޭގެ ޖައްވަށް ކާބަންޑައި އޮކްސައިޑް ބޭރުކުރުމުގައި ބޮޑު ހިއްސާއެއްވާ ކަންކަންކަމެވެ.
ޖަންގަލިތަކުން ގަސް ކެނޑުން ނިމުމަކަށް ގެނައުމަށްޓަކައި މެދުވެރިކޮށް ދުނިޔޭގެ ބޮޑެތި މުއްސަނދި ކުންފުނިތަކުން 12 ބިލިއަން ޑޮލަރު ހޭދަކުރުމަށް "ކޮޕް26" ނިންމާފައިވެއެވެ. ނަމަވެސް މިފައިސާ ޖަންގަލިތަކުން އާމްދަނީ ހޯދައިގެން ބަނޑުފުރާނަ މުއްތިކުރާ އެތަށް މިލިޔަން މީހުން ތިބޭ ބްރަޒީލް، އިންޑޮނީޝިއާ، ކޮންގޯ އަދި ކޮލަންބިއާފަދަ ފަދަ ގައުމުތަކަށް މިފައިސާ ލިބޭނެ ކަމުގެ ޔަގީންކަން "ކޮޕް26" ދިން ނަމަވެސް އެކަން އެފައިސާ ލިބޭނެކަން ކަށަވަރެއް ނޫނެވެ.

ހޫނުގެ ސަބަބުން ޖަންގަލިތައް އަނދަނީ
މިގަރުނު ނިމޭއިރު ދުނިޔޭގެ ހޫނުމިން އިތުރު 2.7 ޑިގްރީ ސެލްސިއަސް މައްޗަށްދާނެކަން އިމްލީ ހޯދުންތަކުން ގާތްގަނޑަކަށް ކަށަވަރުވެފައިވާތީ "ކޮޕް26" ގެ މައިގަނޑު އަމާޒަކީ މިގަރުނު ނިމޭއިރު ދާއިރު ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމެވެ. މިއަމާޒު ހާސިލް ކުރެވޭނީ 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ ގައުމުތަކުން ކާބަން ގޭސްތައް ޖައްވަށް ފޮނުވާމިންވަރު މުޅިން ހުއްޓުކަމަށް ގެނަސްގެންނެވެ.
މިކަންކުރުން ލާޒިމްވާ އެއްބަސްވުމެއްގައި "ކޮޕް26" ގެ ސަމިޓްގައި ދުނިޔޭގެ ގައުމުތަކުން ސޮއިކުރުމަށް ނިންމާފައިވީނަމަވެސް މިއީވެސް ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދީ ހާލަތު ހުރިގޮތުން މިމުއްދަތުގައި އަމަލީގޮތުން ކުރެވޭނެކަމެއް ނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ގެރިބަކަރި ފަދަ ކެޓްލް އިންޑަސްޓްރީއަކީ ކާބަންޑައޮކްސައިޑް ޖައްވަށް ބޭރުކުރާ ސިނާއަތެއް
ދުނިޔޭގެ ޖައްވު ހޫނުވަނީ ކާބަންޑައިއޮކްސައިޑް އާއި އެނޫންވެސް ކާބަން ގޭސްތައް ޖައްވަށް ބޭރުވާ މިންވަރު ބޮޑުވުމުންނެވެ. ކާބަންޑައިއޮކްސައިޑް ޖައްވުން މަދުކުރުމަށް ގުދުރަތީ ގޮތުން މަސައްކަތްކުރާ އެންމެ ވަރުގަދަ އެއްޗަކީ ގަސްގަހާ ގެއްސެވެ. ޖަންގަލިތަކުން މިހާރު ކަނޑަމުން ގެންދާގޮތަށް ގަސްކެނޑުން ހުއްޓުމަކަށް ގެނަސްފިނަމަ ކާބަންޑައިއޮކްސައިޑުން ދުނިޔޭގެ ޖައްވު ހޫނުކުރާމިންވަރު ކުޑަވާނެކަން އިލްމީ ހޯދުންތަކުންވަނީ ހާމަވެފައެވެ.
ލަކުޑީގެ ބޭނުމަށް ޖަންގަލިތަކުން ގަސްކެނޑުމާއި ޖަންގަލިތައް އަންދައި ބިން ސާފުކޮށްގެން އެތަނުގައި ދަނޑުވެރިކަން ކުރުމާއި ގެރިބަކަރި ގެންގުޅުމަކީ ދުނިޔޭގައި އެތަށް ސަތޭކަ މިލިޔަން ބަޔަކު އެމީހުންގެ ދިރިއުޅުން އާރާސްތު ކުރުމަށާއި ބަނޑު ފުރާނަ މުއްތިކުރުމަށް ކުރަމުން ގެންދާކަންކަމެވެ. ގެރިބަކަރި ފަދަ ކެޓްލް އިންޑަސްޓްރީއަކީ ކާބަންޑައޮކްސައިޑް ޖައްވަށް ބޭރުކުރާ ސިނާއަތެކެވެ.
މިކަންކަމުގެ ބަދަލުގައި އިންސާނުންގެ ދިރިއުޅުން އާރާސްތު ކުރުމަށާއި ބަނޑު ފުރާނަ މުއްތިކުރުމަށް އެހެންކަންކަން ތައާރަފް ނުވަނީސް ކިތަންމެ އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް އަމަލީގޮތުން މިކަން ތަންފީޒެއް ނުކުރެވޭނެއެވެ. އިންސާނުން ދިރިއުޅުން އާރާސްތު ކުރުމަށް ކުރަމުން ގެންދާ އިގްތިސާދީ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ޖަންގަލިތަކުގެ ދެބައިކުޅަ އެއްބައި ނެތިގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.