01 Nov 2021, 20:47
މޫސުމާ ބެހޭ އިދާރާއިން ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރުމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އަންގައިފިއެވެ.
ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ،
އެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ކަނޑުދަތުރު ކުރައްވާ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން، ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމަށާއި އަދި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕުފަދަ ތަކެތި ރަނގަޅާަށް ހުރިތޯ ޗެކްކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެެވެ.
މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދުގެ ހެނދުނުން ފެށިގެން މެންދުރުފަހު 2 ޖެހުމާއި ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ އޮފީހުން ވިދާޅުވީ އެ ގަޑީގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.