02 Mar 2012, 14:48
އެމްޑީޕީގެ ބައެއް ޕާލިމެންޓް މެންބަރުން އިއްޔެ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ރައީސް ޑރ. މުހައްމަދު ވަހީދާ ބައްދަލުކުރައްވައި ހުށައެޅި ކަންތަކުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވަން ފެންނަ ކަމަށް މަޖިލިހުން ގޮތެއް ނިންމައިފި ނަމަ އެކަން ގަބޫލު ކުރައްވާނެ ކަމަށް ރައީސް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސްގެ ސުޕެޝަލް އެޑްވައިޒަރު ޑރ. ހަސަން ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ މަޖިލިހަށް ރައީސް ވަހީދު ވަޑައިގަތުމާ އެކު އެމަނިކުފާނަށް ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް އެކަންކަން ސުލްހަ ވެރިކަމާ އެކު ހަމަޖައްސަވާނެ އިންތިޒާމުތަކެއް އޮތްތޯ މަސައްކަތް ކުރެއްވި ކަމަށާއި އެގޮތުން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ އެދުމުގެ މަތީންނާއި އަދި ރައީސްގެ އިސް ނެންގެވުމުގެ މަތިން ވެސް ބައެއް އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި އެ ޕާޓީން ހުށައެޅުންތައް ހުށައެޅުއްވުމުން ދައުލަތުގެ އިސްވެރިޔާގެ ހައިސިއްޔަތުން ބައެއް ހުށައެޅުން ބަލައިގެންނެވި ކަމަށެވެ.
"ރައީސް ބަލައިގަތް އެއްހުށައެޅުމަކީ ކުރިއަށް އޮތް އަވަސް އިންތިހާބެއް ބާއްވާނެ ތާރީހެއް ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަ ދައްކައިގެން ހައްލުކުރުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލިހުން ގޮތެއް ނިންމުމަށް ވެސް އެމަނިކުފާނު ރުހުން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި،" ޑރ. ހަސަން ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ އެމްޑީޕީގެ ހުށައެޅުން ރައީސް ގަބޫލްކުރެއްވި ނަމަވެސް އެމްޑީޕީން އެކަމަށް އިޖާބަ ނުދެއްވައި އެބޭފުޅުން އެނބުރި ވަޑައިގެންނެވީ އެ ބޭފުޅުން ހުށައެޅުއްވި ޕްރޮޕޯސަލް ހިއްޕަވައިގެން ކަމަށާއި އެކަމާ މާބޮޑަށް އަޅުއްވާ ނުލައްވައި ފަހުން އެމްޑީޕީގެ މެންބަރުންގެ ހަބަރެއް ނުވި ކަމަށެވެ.
ޑރ. ހަސަން ވިދާޅުވީ އެކަން އެގޮތަށް ރައީސް ބަލައިގަތް ނަމަވެސް އެމްޑީޕީގެ މެންބަރުން ހަމަބުއްދީގެ ވިސްނުމުން ވިސްނުމުގެ ބަދަލުގައި ޖަޒުބާތު އިސްކުރައްވައިގެން ތަހުޒީބީ މުޖުތަމައު ލަދުގަންނަ ފަދަ ދަށުދަރަޖައަކަށް އަމަލުތައް ގެންގޮސް ޑިމޮކްރަސީގެ ޅަފަތުގައި ބޮޑު ގޮންޖެހުންތަކެއް ކުރިމަތި ކުރުވި މަންޒަރުފެނިގެން ދިޔަ ކަމަށެވެ.
"އަޅުގަނޑުމެންގެ ޑިމޮކްރަސީގެ ޅަފަތުގައި ވަރަށް ބޮޑު ގޮންޖެހުންތަކެއް އަޅުގަނޑުމެންނާ ކުރިމަތިކުރުވި މަންޒަރު. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ހިތާމަކުރަން ޖެހޭ ކަމެއް ދުނިޔެއަށް އަދި ގައުމުގެ ޅަކުދިންނަށް ޑިމޮކްރަސީގެ ރިވެތި ނަމޫނާ ދައްކަވަން ޖެހޭ ބޭފުޅުން ތިއްބަވައިގެން ޑިމޮކްރަސީގެ އެންމެ ނާތަހުޒީބީ މިސާލުތައް އެބޭފުޅުން އެދެއްކެވީ،" ރައީސްގެ އެޑްވައިޒަރު ވިދާޅުވި އެވެ.