މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، އެ ކަންކަން ހައްލުކުރާނެ ގޮތްތަކެއް ހޯދުމަށް ހާއްސަ ދިރާސާއެއް ކުރަން ނިންމައިފިއެވެ.

މިއަދު ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މި ދިރާސާގައި މައިގަނަޑު ގޮތެއްގައި އަލި އަޅުވާލާނެ ކަންކަމާ ގުޅޭ ގޮތުން ދިރާސާ ކޮމެޓީގައި ހިމެނޭ މެމްބަރުންނާ މަޝްވަރާ ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ބައްދަލުވުމުގައި މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާއާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ދިރާސާގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމެވެ. އަދި ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް އިލްމީ ގޮތެއްގައި ދެނެގަތުމެވެ، މީގެ އިތުރުން ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.

މިކަމަށް ހާއްސަ ރިސާޗް ގްރޫޕާއެކު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސްވަނީ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ހާއްސަކޮށް މުދައްރިސުންނަށް، ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ދެނެގަތުމަށް އިލްމީ ވިސްނުމަކުން ދިރާސާއެއް ހެދުމަކީ މިހާރަށް އެންމެ މުހިންމު މަސައްކަތްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރީސާޗް ގުރޫޕުން ހަދާ ދިރާސާ މެދުވެރިކޮށް އެ ދާއިރާއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ގަބޫލްކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިރާސީ އާ އަހަރަކާ ކުރިމަތިލާއިރު، ތަޢުލީމީ ދާއިރާއާއި މުދައްރިސުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރިސާޗް ގްރޫޕުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފައިވާ މެމްބަރުންތަކެކެވެ. އެގޮތުުން ހިމެނެނީ އެކި ދާއިރާތަކަށް ނިސްބަތްވާ ޖުމްލަ ހަ މެމްބަރުންނެވެ.

އެއީ އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގެ ދާއިރާއިން ޑރ. އަހްމަދު އަލި މަނިކާއި، ހިއުމަން ރިސޯސްގެ ދާއިރާއިން ޑރ. އަލީ ނަޖީބާއި، ސޯޝިއޮލޮޖީގެ ދާއިރާއިން ޑރ. އާއިޝަތު ޝަފީނާގެ އިތުރުން ޓްރެއިނިންގެ ދާއިރާއިން އާމިނަތު ޒުބައިރެވެ. އަދި ފައިނޭންސިންގެ ދާއިރާއިން އަބްދުﷲ ޒަކަރިއްޔާއާއި، ތައުލީމީ ދާއިރާގެ މެމްބަރެއްގެ ގޮތުގައި އަބްދުﷲ ރަޝީދެވެ.

މި ރިސާޗް ގްރޫޕުގެ ޗެއާއަކީ ޑރ. އަހްމަދު އަލި މަނިކެވެ.

ރިސާޗް ގްރޫޕާއެކު ނައުބު ރައީސް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.