މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ޓޮޓެންހަމް ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު އެ ޓީމުގެ ކޯޗުކަމާ މީގެ ހަތަރު މަސް ކުރިން ހަވާލުވި ނޫނޯ ވަނީ ވަކިކޮށްފައެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅު ޓޮޓެންހަމުގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމާ ގުޅިގެން އެ ޓީމުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ގެންނަން އެ ކުލަބުން ވަނީ ގިނަ ކޯޗުންނާ ވާހަކަ ދައްކައިފައެވެ. އަދި އެއަށްފަހު އޭރު ވުލްވްސްއަށް ކޯޗުކަން ކޮށްދެމުން އައި ނޫނޯ އެ މަގާމާއި ހަވާލުވީ ބޮޑު ޕްރެޝަރަކާއެކުއެވެ.

ނޫނޯ މަގާމުން ވަކިކުރި އިރު، އޭނާ ޓޮޓެންހަމަށް ކޯޗުކަން ކޮށްދިނީ އެންމެ 17 މެޗެވެ.

ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީއާއި ކްލަބުގެ މެނޭޖިން ޑިރެކްޓަރު ފެބިއޯ ޕަރަޓިސީ ވަނީ އިއްޔެ ނޫނޯއާ ބައްދަލުކޮށް އޭނަގެ މުސްތަގުބަލާ މެދު ވާހަކަ ދެއްކުމަށް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމަށްފަހު ނޫނޯ މަގާމުން ދުރުކުރަން ޓޮޓެންހަމުން ނިންމި އިރު، އެކުލަބު އޮތީ މިވަގުތު ލީގު ތާވަލުގެ އަށްވަނައިގައެވެ.

ޓޮޓެންހަމުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ގެނައުމަށް އެކުލަބުން އެންމެ ބޭނުންވަނީ ކުރިން ޗެލްސީއަށާއި، އިޓަލީގެ އިންޓަމިލާން އަދި ޔުވެންޓަސްއަށް ވެސް ކޯޗުކަން ކޮށްދިން އެންޓީނިއޯ ކޮންޓޭއެވެ. މިދިޔަ ސީޒަންގައި އިންޓަ މިލާނާއެކު ކޮންޓޭ އިޓަލިއަން ސެރެއާ އޭ ކާމިޔާބު ކޮށްފައިވާ އިރު، މިހާރު އޭނާ ހުރީ އެއްވެސް ކްލަބަކާ ހަވާލުވެގެންނެއް ނޫނެވެ.