01 Nov 2021, 18:24
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ތިން ފަނޑިޔާރަކު ދެއްކެވި ވާހަކަ ކަމަށް ބުނާ ވާހަކައިގެ އޯޑިއޯ އެނެލަސިސް ހެދުން ލަސްވާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނޫސްވެރިނަންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ އޯޑިއޯތަކުގެ ސައްހަކަން ބެލޭނެ މަގެއް ފެނޭތޯ ކަމާއިބެހޭ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް، އަދި ލިޔެކިޔުމުން ވެސް ހުށަހަޅަމުން ގެންދާ ކަމަށެވެ.
އެގޮތުން ޕީޖީ ޝަމީމްއާ ބައްދަލުކުރި ދުވަހު، ވަރަށް ގާތުން އެކަން ބެއްލެވުމުގެ އިތުރުން ފުލުހުންގެ ތަހުގީގު ޓީމާ މަޝްވަރާ ކުރުމަށްފަހު، އެ މަސައްކަތް ކުރިއަށްދާނުދާގޮތް ޕާޓީއާ ހިއްސާ ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވި ކަމަށެވެ.
އަދުރޭ ވިދާޅުވީ ޕީޖީ އެހެން ވިދާޅުވިފަހުން ދެމަސް ވެގެންދިޔައިރު ވެސް އެކަމަށް އެއްވެސް ޖަވާބެއް ނުލިބުމުން، ބައްދަލު ކުރަން ވެސް މިހާރު އެދިފައިވާނެ ކަމަށެވެ.
"ޕީޖީއާ ބައްދަލުކުރަން އެދުނު ފަހުން ވެސް ފަނަރަ ދުވަސް ވެއްޖެ. އަދިވެސް އެޕޮއިންޓްމެންޓެއް އަޅުގަނޑުމެންނަކަށް ނުލިބެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މީގެ މަސްދުވަސް ކުރިން ފުލުހުންގެ އެންމެ އިސް ވެރިންނާ ވެސް ޕާޓީގެ ލީޑާޝިޕުން ބައްދަލުކުރި ކަމަށެވެ. އަދި ވިދާޅުވީ ވަކި ފަރާތަކާ ހަވާލުކޮށްގެން އެ އޯޑިއޯތަކުގެ ތަހުލީލު ކުރަމުން އަންނަ ކަމާއި އެހެންކަމުން އަދި އިތުރު ފަސް ދުވަސް ބޭނުންވާ ކަމަށް ފުލުހުން އެ ދުވަހު ބުނި ކަމަށެވެ.
"އެ ފަސްދުވަސް ވެސް ފާއިތުވެއްޖެ. އަދި އަޅުގަނޑުމެން ދެންނެވިން ބޭނުންވަނީ ފޮރެންސިކް ތަހްލީލު ކުރެވޭނެ ފަދަ ގާބިލުކަން ހުރި ބައިނަލްއަގްވާމީ ފަރާތަކުން މިކަން ކޮށްދޭށޭ. އެދުވަހު ސީޕީ ވިދާޅުވި މިއަދުން ފެށިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނަމޭ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސީޕީ އެހެން ވިދާޅުވިފަހުން ވެސް އެކަމާހޭ އެއްވެސް މައުލޫމާތެއް ނުލިބި ލަސްވާތީ ދެވަނަ ފަހަރަށް ފުލުހުންނާ ބައްދަލުކުރި ދުވަހު، ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އަދި އިތުރު ދިހަ ދުވަސް ބޭނުންވާ ކަމުގައި ޑީސީޕީ މަންނާނު ވިދާޅުވި ކަމަށާއި އޭގެ ފަހުން އެ ވިދާޅުވި ދިހަ ދުވަސް ވެސް މިހާރު ފަހަނަ އަޅައި ހިންގައްޖެ ކަމަށެވެ.
އަދުރޭ ވިދާޅުވީ އޯޑިއޯތަކުގެ ތަހުގީގު ނިމުމުގެ ކުރިން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްގެންދާ ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް ދަށު ކޯޓުތަކާ އެއްކޮޅަށް ނިމިއްޖެ ކަމުގައި ވާނަމަ އެއީ ރައީސް ޔާމީނަށް ދެވޭ އިތުރު އަނިޔާއެއް ކަމަށެވެ.
"ތިން ފަނޑިޔާރުންގެ އޯޑިއޯގެ ސައްހަކަން އޭގެ ފަހުން ކަށަވަރު ވެއްޖެ ނަމަ އެއީ ރައީސް ޔާމީނަށް އިތުރަށް ލިބޭ ބޭއިންސާފަކަށް ވެގެންދާނެ. އޭރުން އެ މަނިކުފާނަށް ދޭ އަނިޔާ ދެގުނަ ވެގެންދާނެ. ވަރަށް ބޮޑެތި ހައްގުތަކެއް ގެއްލިގެން އެ ދިޔައީ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލައަކީ ހަމައެކަނި ރައީސް ޔާމީނަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ މުޅި އަދުލު އިންސާފުގެ ދާއިރާއަށް ދިމާވެގެން އުޅޭ ވަރަށް ބޮޑު، އަދި އެހާމެ، ކަންބޮޑުން އެކުލެވޭ މައްސަލައެއް ކަމަށެވެ.