ސިޓީ ކައުންސިލުން ގަވާއިދާ ހިލާފަށް ދަރުބާރުގެ ބޭނުންކުރަމުން ގެންދާ ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ދަށަށް ދަރުބާރުގޭ ގެންނާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީން ދަރުބާރުގޭ މާލޭ ސިޓީ ކައުންސިލާއި މިދިޔަ އަހަރު ހާވާލްކޮށްފައިވާ އިރު ގަވައިދުތަކާއި އުސޫލްތަކާ އެއްގޮތަށް އަމަލްކުރަން ވާނެ ކަމަށް ބުނެފައިވާ ކަމަށާއި އެގަވާއިދާ ހިލާފަށް އަމަލުކުރާ ނަމަ އެތަންތަން ނެގިދާނެ ކަމަށް ވެސް ބުނެފައިވާ ކަމާށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެޓާނީޖެނެރަލް އޮފީހުން ވެސް މިހާރު ލަފާދެއްވާފައި ވަނީ ދަރުބާރުގެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ނެގުމަށް ކަމަށާއި އެކަމަށް ޓަކައި ކުރައްވަން ޖެހޭ މަސައްކަތް އަންނަ އާދީއްތަ ދުވަހު ކުރައްވަން ފައްޓަވާނެ ކަމަށެވެ.

"ހެދިފައިވާ ގަވާއިދާ އުސޫލަށް އެތަން މިހާރު ބޭނުންކުރަމުން ނާންނާތީ. އެޓާނީޖެނެރަލް އޮފީހުން އަޅުގަނޑަށް ލަފާ ދެއްވަނީ ދަރުބާރުގޭ ނެގުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދަރުބާރުގެއާ އެކު މާލޭގެ 31 ބިމެއް ސިޓީ ކައުންސިލަށް ދޫކޮށްފައިވީ ނަމަވެސް ދަރުބާރުގެ ފިޔަވައި އިތުރު ބިމެއް އަތުލަން އަދި ނިންމާފައި ނުވާކަމަށާއި ދަރުބާރުގޭ ހައުސިން މިނސްޓްރީގެ ދަށަށް ގެންނަނީ އާއްމު މަސްލަހަތު ދެމެއްޓުމުގެ ގޮތުން އެތަނަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ތަނެއް ކަމަށް ފެންނާތީ ކަމަށެވެ.

އެމްޑީޕީން މިދިޔަ މަހު 17 އިން ފެށިގެން ލޮނުޒިޔާރަތް ކޮޅުގައި ކުރަމުން އަންނަ މުޒާހަރާގައި އެ ޕާޓީގެ ބައެއް ބޭނުންތަކަށް ދަރުބާރުގޭ އަންނަނީ ބޭނުންކުރަމުން ނެވެ.