ނޮވެމްބަރު 3ގެ ޝަހީދުން ހެންވޭރު ސަހަރާގައި، ފަސްދާނުލެވިފައިވާ ތަން މާލޭ ސިޓީ ކައުންސިލުން ސާފުކޮށްފިއެވެ.

ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ ތަން ސާފުކޮށް ބަލަހައްޓަމުން ނާންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށެވެ. އަދި އޭގެ ސަބަބުން އެ ތަން ވަރަށް ބޮޑަށް ހަޑިވެ ވީރާނާވެފައިވާކަމަށް އެ ކައުންސިލުން ބުންޏެވެ.

އެއާއެކު ސިޓީ ކައުންސިލުން އެ ތަން ސާފުކުރުމުގެ މަސައްކަތް ކޮށްފައިވާނީ މިއަދެވެ. ކައުންސިލުން ވަނީ އެ ތަނުގައި ދޮންވެލި ލައި، ފާރުގައި ކުލަ ލައިފައެވެ.

ހެންވޭރު ސަހަރާގައި ނޮވެމްބަރު 3ގެ ޝަހީދުން ފަސްދާނުލެވިފައިވާ ތަން ކައުންސިލުން ސާފުކުރުން -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ނޮވެމްބަރު 3ގެ ޝަހީދުން ހެންވޭރު ސަހަރާގައި ފަސްދާނުލެވިފައިވީ ނަމަވެސް އެ ތަން ބެލެހެއްޓުމުގެ މަސައްކަތް އެދެވިގެންވާ ގޮތެއްގައި ކުރެވެމުންނެއް ނުދެއެވެ. ނަމަވެސް ނަސްރުގެ ދުވަހާ ދިމާކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރެއެވެ.