01 Nov 2021, 13:28
ކޮޕް26 ސަމިޓުގައި ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރަކަށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ކުރީގެ ހައި ކޮމިޝަނަރު ޒައިދު ރައަދު ޒައިދު އަލް ހުސައިން އައްޔަންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރަކަށް ޒައިދު އައްޔަން ކުރެއްވީ އިއްޔެއެވެ. އަދި ރޭ އެ ދެ ބޭފުޅުން ބައްދަލުކުރައްވައި، ރައީސް ވަނީ ޒައިދު ހައި ކޮމިޝަނަރުގެ ގޮތުގައި ހުންނެވި އިރު ރާއްޖެއަށް ވެދެއްވި އެހީއަށާއި ދިވެހި ވަފްދުގެ އެޑްވައިޒަރުކަމާ ހަވާލުވެވަޑައިގަތުމުން ޝުކުރު އަދާ ކުރައްވާފައެވެ.
ހަމައެއާއެކު ރައީސް ވަނީ ކޮޕް26 އަކީ ރާއްޖެއަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއަކީ ބިންތިރި ގައުމެއް ކަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ޒައިދު ވަނީ ރާއްޖެއާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި ދިވެހި ވަފުދާ ގުޅުމަކީ އޭނާއަށް ލިބޭ ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އުރުދުންގެ އަމީރެއް ކަމަށްވާ ޒައިދަކީ އިންޓަނޭޝަނަލް ޕީސް އިންސްޓިޓިއުޓް (އައިޕީއައި)ގެ ރައީސް އަދި ސީއީއޯއެވެ. އޭނާ އދ.ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުކަން ކުރެއްވީ 2014އިން 2018އަށެވެ.
މީގެ ކުރިން ޒައިދު ވަނީ އދ.ގައި ހުންނަވާ އުރުދުންގެ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމާއި އެމެރިކާ ސަފީރުކަންވެސް ކުރައްވައިފައެވެ.
ކޮޕް26ގައި ބައިވެރިވެވަޑައިތުމަށް ރައީސް ސޯލިހު މިހާރު ހުންނެވީ ސްކޮޓްލެންޑުގެ ގްލާސްގޯގައެވެ.
ކޮޕް ސަމިޓަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މަދު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބާރު އެޅުމުގެ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ.