ހއ. އުލިގަމު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގެއް ސަރުކާރުގެ އެހީއާއެކު ފަހިކޮށްދޭން އެބަ ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ އުލިގަމުން އާގު ބޯޓު ފަހަރަށް ހިދުމަތް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އާގު ބޯޓުގެ ފަޅުވެރިން ބަދަލުކުރެވޭނެ ގޮތަކާއި ބޯޓުފަހަރަށް ސެކިއުރިޓީ ހިދުމަތް ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަކީ މިއަދު މި ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ތަޖުރިބާ ކާރުން ބުނާގޮތުން އުލިގަމު ހުރަސްކޮށް ދުވާލަކު އެވްރެޖްކޮށް 45 އާގުބޯޓާއި 55 އާގުބޯޓު އެބަ ދަތުރުކުރޭ. ބޯޓު ފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކުން ބުނާގޮތުން ފަޅުވެރިން ރަށަށް އެކި ބޭނުންތަކުގައި ފައިބަން ބޭނުންވޭ. އެހެންނަމަވެސް ހުއްދަ ނެތުމުގެ ސަބަބުން އެ ހިދުމަތް ދެވޭ ގޮތެއް ނުވޭ. އެހެންކަމުން މި އަގުބޯޓު ފަހަރަށް އުލިގަމުން ހިދުމަތް ދެވޭނެ އިންތިޒާމެއް ފަހިކޮށްދޭން އެބަޖެހޭ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ އެމްއެންޑީއެފް މެދުވެރިކޮށް ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގެއް ފަހިކޮށް ދިނުމުގެ އިތުރުން ބޯޓު ފަހަރުން އުލިގަމަށް ފައިބަން ބޭނުންވާ ފަޅުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި ހުރި ހުރަސްތަކަކީ ކޮބައިތޯ ބެލުމަށްފަހު އެ ހިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެމްއެންޑީއެފުން މިހާރުވެސް މާލޭ ސަރަހައްދުގައި މި ހިދުމަތްތައް އާގުބޯޓު ފަހަރަށް ދެމުން ދާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން ހަދާފައިވާ އޮފް ޕޯޓް ލިމިޓާއި އޮފް ޝޯ ގައި ޝިޕިން ހިދުމަތް ދިނުމާއި ބެހޭ ގަވާއިދުގެ ދަށުން މާލޭ ސަރަހައްދަކީ ޕޯޓެއް ކަމުގައި ބަލައިގަނެއެވެ.

މިކަމާ ގުޅިގެން ސަލީމް ވިދާޅުވީ އުލިގަމަށް އެ ހިދުމަތް ދިނުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ގަވާއިދުގެ ދަށުން އުލިގަމުގެ އޮފް ޝޯ ސަރަހައްދަކީ ޕޯޓެއްގެ ގޮތުގައި ބަލައިނުގަތުން ކަމުގައެވެ. މިކަން އިސްލާހު ކުރެވިއްޖެނަމަ ވަރަށް ބޮޑު ހުރަހެއް ނައްތާލެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މި ހިދުމަތް ދިނުމާ ގުޅުން ހުރި ވަރަށް ގިނަ ފެސިލިޓީތައް މިހާރުވެސް އުލިގަމުގައި ގާއިމު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް މި ހިދުމަތް ފޯރުކޮށްދެވޭނެ ގޮތް ތަނަވަސް ކޮސްދިނުމަށް ސަލީމް އެދިވަޑައިގެންނެވިއެވެ.

"އުލިގަމުގައި ކަސްޓަމްސް ހިނގަމުން އެބަދޭ. ދާދި ފަހުން ކަސްޓަމްސް ގެ އާ އިމާރާތް ހުޅުވައިދެއްވި. އިމިގްރޭޝަން އޮފިސަރުން އެބަތިބި. ޕޯޓް ހެލްތު އޮފިސަރުން މަސައްކަތް ކުރަމުން އެބަދޭ. އެމްއެންޑީއެފްގެ ހެޑް ކުއާޓަރެއް އެބަހުރި. އެމްއެންޑީއެފްގެ އޮފިޝަލުން އެތަނުގައި މަސައްކަަތް ކުރަމުންދާތާ ކިތަންމެ ދުވަހެއް. މިހުރިހާ ދައުލަތުގެ މުއައްސަސާތައް އުލިގަމުގައި ގާއިމުވެފައި ހުރިއިރު ދައުލަތުން އުލިގަމަށް ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސް ކޮށްދޭން އެބަޖެހޭ،" ސަލީމް ވިދާޅުވިއެވެ.

މިކަމުން ލިބޭނެ މަންފާއާ ގުޅޭގޮތުން ސަލީމް ވިދާޅުވީ މީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ އގްތިސާދު އިތުރަށް ފުޅާވެ ދައުލަތަށް ވަރަށް ގިނަ ފައިސާ ލިބޭނެ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ ހިދުމަތްތައް އުލިގަމުން ދުވާލަކު 25 އާގުބޯޓަށް ފޯރުކޮށްދޭނަމަ، އެ ހިދުމަތަށް އެކަނިވެސް މަހަކަށް 20 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ހުސްވި ހަފްތާތެރޭގައި އަޅުގަަނޑު ގާތުގައި ބޯޓުފަހަރުގެ އޮޕަރޭޓަރަކު ބުނި އާގުބޯޓަކުން އެދުނޭ ދިމާވި ހާދިސާއަކާއި ގުޅިގެން ފަޅުވެރިން ބޭލިދާނެތޯ. އެހެންނަމަވެސް އެހިދުމަތް ދެވޭ ގޮތެއް ނުވޭ. ފަނަރަ މީހުންނާއި ހަމައަށް މިސާލަކަށް ބޯޓަކުން ފައިބާ ކަމުގައި ވަނީނަމަ އެއީ ދުވާލަކަށް ސަތޭކަ މީހުން އަޅުގަނޑުމެންނަށް ޓޫރިސްޓުންގެ ގޮތުގައި ހިދުމަތް ދިނުމަށް އެލިބެނީ. އެ ސަރަހައްދުގައި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި އެއާޕޯޓުތައް ހުރިއިރުގައި އިގްތިސާދު ވަރަށް ބޮޑަށް ފުޅާ ކުރެވި ވަޒީފާގެ ފުރުސަތުތައް ފަހިކުރެވޭނެ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް އެހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް އެދި ގަރާާރެއް ހުށަހަޅުއްވަމުންނެވެ.

މިގަރާރާ ބެހޭ ގޮތުން ސަލީމް ވިދާޅުވީ އަވަށްޓެރި ގައުމުތަކުގައި އެކި ފެންވަރުގެ ޓްރާންސްޝިޕްމެންޓް ބަނދަރުތައް ގާއިމު ކުރެވިފައިވާއިރު ރާއްޖެއަކީ އިންޑިއާ ކަނޑުގައި ދަތުރުކުރާ އެކި ކަހަލަ އާގު ބޯޓު ފަހަރާ "އަތް ފޯރާ ފަށުގައި އޮތް" ގައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖެއިން އެ ބޯޓުތަކަށް ހިދުމަތް ފޯރުކޮށްދެވޭނެ ވަސީލަތްތައް ގާއިމުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްގީ ކުރެވޭ ވަރަށް ދައުލަތުގައި ފައިސާ ނެތް ނަމަވެސް މިހާރުވެސް ކުރެވެން ހުރި ކަންތައްތަކެއް ހުރި ކަމަށް ސަލީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބޯޓު ފަހަރު މަޑުކުރެވޭ ގޮތްހެދުމާއި، ކޮންޓޭނަރުތައް ބާލާ ގުދަން ކުރުމުގެ އިތުރުން އިހަވަންދިއްޕޮޅުގައި ފަޅުވެރިން ބަދަލުކުރެވޭ ޕޮއިންޓެއް ހެދިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ބޯޓު ފަހަރަށް ތެލާއި އެފަދަ އެނޫންވެސް ޕްރޮވިޝަންތައް ސަޕްލައިކޮށް ލޯޑުކުރެވޭ ޕޮއިންޓަކަށް އިހަވަންދިއްޕޮޅު ހެދިދާނެކަންވެސް ސަލީމް ފާހަގަކުރެއްވިއެވެ.