01 Nov 2021, 16:13
ނުވަ މީޓަރަށްވުރެ ދިގު އުޅަނދުތަކުގައި ލައިފްޖެކެޓް އަތުގައި އޮންނަންވާނެ ކަމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފިއެވެ.
އެ ގަވާއިދުގެ 27 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އިތުރުކުރި އަކުރުގައި ވަނީ ވަަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި ނުވަ މީޓަަރަށް ވުރެ ދިގު އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގައި ކަމަށެވެ.
އެ މާއްދާގައި ވަނީ ލައިފް ޖެކެޓް އެޅުވުން ކެޕްޓަންއަށް ލާޒިމުވާ ހާލަތްތަކެއް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި:
- ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިން
- މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމަ ދަތުރައް ފެށުމުގެ ކުރިން
- މޫދު ކުޅިވަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓަރީ ކޮށްފައިވާ
ނުވަ މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ދަތުރައް
ފެށުމުގެ ކުރިން
މީގެ އިތުރުންވެސް މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެ ކަމަށާއި ދަތުރުމަތީގައި އެއްވެސް ހާލަތެއްގައި ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ބޭރަށް ނިކުންނަންޖެހިއްޖެ ނަމަ ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދާ ހިލާފުވާ، ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުތަކުގެ އޮޕަރޭޓަރު 15،000 ރުފިޔާއިން ޖޫރިމަނާ
ކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ.
އަދި މައްސަލަ ބެލުމަށްފަހު ކެޕްޓަންގެ ލައިސަންސް ތިން މަސްދުވަހަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭގޮތަށް ގާނޫނުގައި ވަނީ ހިމަނާފައެވެ.
މީގެއިތުރުން މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެ މައްސަލަ ބެލުމަށްފަހު ކެޕްޓަންގެ ލައިސަންސް އެއް އަހަރަށް ހިފެހެއްޓޭނެ ކަމަށްވެސް ގާނޫނުގައި ބުނެއެވެ.