02 Mar 2012, 14:08
ނިއުދިއްލީ (މާޗް 2): ނިއުކްލިޔާ ހަތިޔާރުގެ އެތަށް ބޮލެއް އެއްފަހަރާ އުފުލުމުގެ ޤާބިލްކަން ލިބިގެންވާ ބާރުގަދަ ބެލަސްޓިކް މިސައިލެއް އިންޑިޔާ އިން ކާމިޔާބު ކަމާ އެކު މިއަދު ތަޖްރިބާކޮށްފި އެވެ.
އިންޑިޔާގެ ދިފާޢީ ވުޒާރާއާ ޙަވާލާދީ "ޕްރެސް ޓަރަސްޓް އޮފް އިންޑިޔާ" ބުނި ގޮތުގައި މިއީ އަޑަށް ވުރެ ހަތް ގުނަ ބާރަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ "ޗޯރިޔާ" މަރުކާގެ ބެލަސްޓިކް މިސައިލެކެވެ. މި މިސައިލް ތަޖްރިބާކުރީ އިންޑިޔާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އޮރިއްސާގެ ޗަންދިޕޫރުގައި ހުންން މިސައިލް ސްޓޭޝަނަކުންނެވެ.
ތަޖްރިބާކާރުން ބުނާގޮތުގައި "ޗޯރިޔާ" މަރުކާގެ މިސައިލަކީ އިންޑިޔާގައި އުފައްދާ ކަނޑުގެ މިސައިލްގެ ވައްތަރެއް ކަމަށްވާ ކޭ 15 މަރުކާއާ ގުޅޭ އެއްގަމު މިސައިލެކެވެ. ކޭ 15 އިގެ މިސައިލެއް އިންޑިޔާ އިން ފުރަތަމަ ތަޖްރިބާކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ.
"ސްޓޮކްހޮމް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ޕީސް ރީސާޗް" ބުނި ގޮތުގައި ޕާކިސްތާނުން ވެސްގެން ދަނީ އިންޑިޔާ އިން އުފައްދާ "ޗޯރިޔާ" މަރުކާގެ މިސައިލާ އެއްވަރުގެ ބާރުގަދަ ނިއުކްލިޔާ މިސައިލެއް އުފައްދައި އެ މިސައިލް ތަޖްރިބާކުރުމަށް ތައްޔާރުވަމުންނެވެ. އިންޑިޔާ އާއި ޕާކިސްތާނަކީ ދުނިޔޭގެ ފެންވަރުގެ ނިއުކްލިޔާ ދެ ބާރެވެ.
މި ދެބާރާ އެކު އީރާން ވެސް ނިއުކްލިޔާ ބާރަކަށް ވަމުންދާތީ އިންޑިޔާ، ޕާކިސްތާން އަދި އީރާނަކީ މުސްތަޤްބަލްގައި ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އުފައްދާ ނިއުކްލިޔާ އެއް ޒޯނަށް ވެގެންދާނެ ކަމުގަ އެވެ.
އިންޑިޔާ، ޕާކިސްތާން އަދި އީރާނަކީ ނިއުކްލިޔާ މިސައިލް މެޓީރިއަލް އުފެއްދުމުގެ ޤާބިލްކަން ލިބިގެންވާ އޭޝިޔާގެ ތިން ޤައުމެވެ. (ނޫސްއެޖެންސީތައް)