01 Nov 2021, 12:03
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން މީޑީއާނެޓްގެ ހިދުމަތް ދިނުމާގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ، ހާއްސަކޮށް ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް އަދި ފަސޭހަކަމާއެކު މީޑިއާނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީޑީއާނެޓުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އެޗްޑީސީ
އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާންސްޓްރަކްޗާގެ މައިގަނޑު ވިއުގައެވެ. އެޗްޑީސީން ބުނީ މި ނެޓްވޯކްގެ ޒަރިއްޔާއިން އިންޓަނެޓާއި ޓީވީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގައަކުން ހިދުމަތް ދެވޭނެ ކަމަށެވެ.
މިގޮތުން، ހިދުމަތް ދިނުމަށް ހޭދަވާ ހަރަދު ކުޑަވެ، ރައްޔިތުންނަށް ދެވޭ އަގު ކުޑަ ވުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ހިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އަވަސްކަމާއެކު ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ ޒަމާނީ ފައިބާ ވިއުގާގެ މައްޗަށް ބިނާކުރެވިފައިވާ އިންފްރާންސްޓްރަކްޗާގެ ސަބަބުން މުޖުތަމައަށް ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.