އދ. ދަނގެތީގައި މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ޝާ އަލޮމް މިއާ(ސާލިމް)ގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ، ސާލިމްގެ ބަންދާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް އިއްޔެ އޭނާ ކޯޓަށް ގެންދިޔުމުން އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ސާލިމް ހައްޔަރު ކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އޭރު އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ޖެހިއެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު މަރާލައިފައި އޮއްވާ ފެނުނު 57 އަހަރުގެ މަހުމޫދުގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރި ސާލިމްއަކީ ބަނގްލަދޭޝް މީހެކެވެ.

މަހުމޫދުގެ މަރާ ގުޅިގެން ސާލިމާ ދޭތެރޭ ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ އެގޭ ކައިރިން އިވުނު އަޑުތަކުންނާއި މީހަކަށް ފެނުނު މަންޒަރަކުންނެވެ.

އެގޮތުން އެ ރޭ 9:30ހާއިރު އެގޭ ކައިިރިން ހިނގައިފައި ދިޔަ އަންހެނަކަށް މީހަކު ހަޅޭއް ލަވާ ކަހަލަ އަޑެއް އިވުނެވެ. އަދި އޭނާ ބޯދިއްކޮށް ބަލާލިއިރު މީހެއްގެ ދެފައިގައި ހިފައިގެން ގެންދާ ފަދަ މަންޒަރެއް ވަނީ ސިފަވެފައެވެ.

ސާލިމް، މަހުމޫދު މަރާލީ ފައިސާ ހޯދުމުގެ ބޭނުމުގައިކަން ފުލުހުންގެ ތަހުގީގަށް ވަނީ ހަމާވެފައެވެ.