01 Nov 2021, 09:24
ކާބުލް (1 ނޮވެމްބަރު) : އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރު ދުނިޔޭގެ ގައުމުތަކުން ގަބޫލުނުކުރާ މައްސަލާގައި އެޖަމާއަތުން ބައިނަލްއަގްވާމީ މުޖްތަމައަށް އިންޒާރެއް ދީފިއެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވިދާޅުވީ އަފްޣާނިސްތާނުގައި މިހާރު ވެރިކަންކުރަނީ ތާލިބާން ޖަމާއަތުގެ ސަރުކާރެއްކަމަށާ އެކަން ގަބޫލުކުރުމަށް ފަސްޖެހުމަކީ އޭގެ ގެއްލުން އަފްޣާން ރައްޔިތުންނަށް ލިބޭނެކަމެއް ކަމުގައެވެ. އޭނާ ވިދާޅުވީ ތާލިބާން ސަރުކާރު ގަބޫލުނުކުރުމުގެ ފަހަތުގައިވާ މައިގަނޑު ގައުމަކީ އެމެރިކާ ކަމަށާ އެމެރިކާގެ މިހަރުކަށި ކަމުގެ ސަބަބުންނާއި ހަގީގަތް ގަބޫލުކުރަން ބޭނުންނުވުމުން އޭގެނަތީޖާ ވަރަށް ގޯސްވާނެކަމުގައެވެ.
ތާލިބާން ޖަމާއަތަކީ ސަރަހައްދުގެ ގައުމަކަށްވެސް އަދި ދުރުގައިވާ ގައުމަކަށްވެސް ގެއްލުމެއް ދޭނެ ޖަމާއަތެއް ނޫންކަމާއި އެޖަމާއަތުގެ ހުރިހާކަމެއްވެސް އަމާޒުވެފައިވަނީ އަފްޣާނިސްތާނުގެ ކަންކަމުގެ މައްޗަށްކަމަށް މުޖާހިދު ވިދާޅުވިއެވެ.
އެމެރިކާ 20 އަހަރުވަންދެން އަފްޣާނިސްތާނުގައި ހަނގުރާމަ ކޮށްގެންވެސް ތާލިބާން ޖަމާއަތް ބަލިކޮށްލުމަށްވަނީ ނުކުޅެދިފައެވެ. މިކަމުގެ ނަތީޖާއަކަށްވީ އެމެރިކާއިން ތާލިބާނުންނާ ސުލްހަ ވުމެވެ. 2020 ވަނައަހަރު އެމެރިކާއިން ތާލިބާނުންނާ ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން މިދިޔަ އޮގަސްޓުމަހު އެމެރިކާ ސިފައިންގެ އަފްޣާނިސްތާނުން ފައިބަން ފެށުމާއެކު އަފްޣާން ސިފައިންގެ ލަޝްކަރުތައްވަނީ ރޫޅިގެން ގޮސްފައެވެ. މިއާއެކު ތާލިބާން ޖަމާއަތުން އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް އަފްޣާނިސްތާން ގެނަސް އެ ޖަމާޢަތުގެ ވަގުތީވެރިކަމެއް އަފްޣާނިސްތާނުގައި ގާއިމްކުރީ މާބޮޑު ހަނގުރާމައަކާނުލައެވެ.
ނަމަވެސް އަފްޣާން އަންހެނުންގެ ހައްގުތައް ފުރިހަމައަށް ދިނުމަށާއި އަފްޣާން ހުރިހާ ނަސްލުތަކާއި ދީންތަކާއި މަޒުހަބުތަކުގެ މީހުންގެ ބައިވެރިވުން އޮންނަ ގޮތަށް އަފްޣާން ވެރިކަމުގެ ނިޒާމު ބައްޓަންކުރަން ތާލިބާނުން ބޭނުންނުވާތީ ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް ތާލިބާނުންގެ ސަރުކާރަށް އިއުތިރާފް ވެފައެއް ނުވެއެވެ.
ތާލިބާން ސަރުކާރު ރަސްމީ ސިފައެއްގައި ގަބޫލުނުކުރިނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ އަދި އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކުންވެސް ގެންދަނީ ތާލިބާން ސަރުކާރާ ވާހަކަ ދައްކައިގެން އެގައުމަށް އިންސާނީ ބައެއްއެހީ ފޯރުކޮށްދިނުމަށް ކުރަންޖެހޭ މުއާމަލާތް ކުރަމުންނެވެ. މީގެއިތުރުން އަފްޣާން ރައްޔިތުންނަށް އިންސާނީ އެހީ ބައެއް އެހީތައް ފޯރުކޮށްދިނުމަށް އދ. އާއި އެނޫން ފަރާތްތަކުން ގެންދަނީ ތާލިބާން ސަރުކާރާއެކު މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ތާލިބާނުން ވެރިކަމަށް އައުމާއެކު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވަނީ އަފްޣާން ރައްޔިތުންގެ ނިކަމެތި ހާލަތަށް ކުޑަވެސް ބެލުމެއްނެތި ސިޔާސީ މަގްސަދުތައް ހާސިލް ކުރުމުގެގޮތުން ތާލިބާނުންނަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި އަފްޣާން ސަރުކާރުގެ އެތަށް ބިލިޔަން ޑޮލަރެއް އެގައުމަށް ނުދީ ހިފަހައްޓާފައެވެ. އަދި އަފްޣާން ސަރުކާރުގެ ބައެއް އެސެޓްތައްވެސް ފްރީޒްކޮށްފައެވެ.
މިކަމުގެ ސަބަބުން އަފްޣާން ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ގަތުމަށް ބޭނުންވާ ފައިސާ ލިބުމުގައި ތާލިބާން ސަރުކާރަށްވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.