02 Mar 2012, 13:53
ސިޔާސީ މަޝްރަހު ފިނިކުރުމުގެ ގޮތުން ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ، މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިނުވުމަށް މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަބުދުއްރަހީމް ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަން ރައީސް ޑރ. މުހައްމަދު ވަހީދުއަށް ފުރުސަތު ނުދޭނެ ކަމަށް ބުނުމާ އެކު އެކަން އެގޮތަށް އެމްޑީޕީން އަމްލު ކުރުމުން އޯލްޕާޓީ ޓޯކުސްގައި ޕީޕީއެމުން ބައިވެރިނުވުމަށް ނިންމާފައިވާ ކަމަށެވެ.
"އިއްޔެ އެ ވަނީ އެގޮތަށް ރައީސަށް ރިޔާސީ ބަޔާން ހުށައެޅުމަށް ފުރުސަތު ނުދީފައި. ހަގީގަތުގައި އަޅުގަނޑުމެން މިވަކިވީ އަކީ އިއްޔެ އަކު އަދަކު ނޫން 29 ވަނަ ދުވަހު އަޅުގަނޑުމެން ބުނެފައި އޮންނާނެ، ދެން އިތުރަށް ޕީޕީއެމުން އޯލްޕާޓީ ޓޯކުސްގައި އިށީންނާނީ މާޗް އެއް ވަނަ ދުވަހު މަޖިލިހުގައި އެމްޑީޕީން ކަންތައް ކުރާ ގޮތަކުންނޭ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
އަބުދުއްރަހީމް ވިދާޅުވީ އަހުލާގީ ގޮތުން ދަށުދަރަޖައިގެ އަމަލުތަކެއް މަޖިލިހުގައި ހިންގި ފަރާތްތަކާ އެކު ޕީޕީއެމުން ވާހަކަ ދައްކަން އިށީންނަން ބޭނުން ނުވާ ކަމަށާއި ކުރިން އެފަދަ ހަރަކާތްތަކެއް މަޖިލިހުގައި ހިންގައިފާނެ ކަމަށް ބެލެވޭތީ އޯލްޕާޓީ ޓޯކުސްގައި ބައިވެރިނުވާނެ ވާހަކަ ދެންނެވީ ކަމަށެވެ.
"ކަނޑައެޅިގެން ބުނެފައި އޮންނާނެ ރައީސުލްޖުމުހުރިއްޔާ އަށް އިއްޔެ މަޖިލިހުގެ ރިޔާސީ ބަޔާން ނުއިއްވުނު ކަމުގައި ވަނީ ނަމަ ދެން އަޅުގަނޑުމެން އެމްޑީޕީއާ އެކު މަޝްވަރާކުރާކަށް ނުއިށީންނާނެ ވާހަކަ. މާނައަކީ އޯލްޕާޓީ ޓޯކުސްގައި ދެން ޕީޕީއެމަކުން ބައިވެރިއެއް ނުވާނޭ،" އަބުދުއް ރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެން ސުލްހައިގެ ވާހަކަތަކުގައި ޕީޕިއެމުން ބައިވެރިވާނީ އެ ޕާޓީގެ ކައުންސިލުން ނިންމާ ގޮތެއްގެ މައްޗަށް ބުރަވެ ކަމަށެވެ.
ޕީޕީއެމުން އޯލްޕާޓީ ޓޯކުސް އިން ވަކިވިކަން އިއުލާން ކޮށްފައިވާ އިރު ޑީއާރްޕީން ވެސް ވަނީ އޯލްޕާޓީ ޓޯކުސްގައި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ނަމަ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެ އޯލްޕާޓީ ޓޯކުސް އިން ޑީއާރްޕީ ވަކިވިކަން ރޭ އިއުލާންކޮށްފަ އެވެ.