31 Oct 2021, 22:16
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް 1.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ހުށަހަޅާފައިވަނީ މިއަދެވެ.
އެގޮތުން މިއަދު އަމީރު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން ސަރުކާރުން ހިންގާ ފެނާ ނަރުދަމާގެ އެކި މަޝްރޫތަކަށް ޖުމްލަ 968 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމައިފައެވެ.
ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 65 މިލިއަން ހަރަދުކުރާއިރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް 121 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އަދި ކުނި މެނޭޖުކުރުމުގެ މަޝްރޫތަކަށް 62 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން މާލޭ ސަރަަހައްދުގެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް 126 މިލިއަން ރުފިޔާ ހަރަދުކުރާއިރު ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓަށް 127 މިލިއަން ހަރަދުކުރުމަށްވަނީ ނިންމައިފައެވެ.
ހަމައެއާއެކު ކްލައިމެޓް ރެޒީލިއަންޓް ސޭފާ އައިލެންޑް ޕްރޮޖެކްޓަށް 35 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހުށަހަޅައިފައެވެ.
އެއާއެކު ވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް 97 މިލިއަން ރުފިޔާ ރިކަރެންޓް ހަރަދުތަކަށް ކުރާއިރު ބާކީ 1،446 މިލިއަން ހަރަދުކުރާނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުގައި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދަ އާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 36.9 ބިލިއަން ރުފިޔާއެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.
ބަޖެޓް ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މެދުރާސްތާގައި ފުދުންތެރި ދައުލަތެއް ބިނާކޮށް، ކޮވިޑް-19ގެ ގެއްލުންތަކުން އަރައިގަނެ، އިގްތިސާދު ފުޅާކޮށްދޭނެ ބަޖެޓެއް ކަމަށެވެ.
މީގެ އިތުރުން މިއީ އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދައުލަތުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމާއި ސަރަހައްދީ ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ ބަޖެޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.