ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކެވެ. ކަނޑާއި ކަނޑުގެ ދިރުންތަކަކީ ދިވެހިން އެންމެ ބޮޑަށް ބަރޯސާވާ ތަނެވެ. ފަރުތަކާއި މުރަކައިގެ މައްޗަށް އެކުލެވިގެންވާ ރަށްތަކެއްގެ ގޮތުގައި ރާއްޖެ އޮތްއިރު، ރާއްޖޭގެ ފަރުތަކާއި އޭގެ ދިރުންތަކަކީ އެންމެ ހާއްސަ އަދި އެންމެ މުހިންމު ދިރުމެވެ.

ނަމަވެސް މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކަކީ ރާއްޖެއަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލެވެ. ދުނިޔޭގެ ފިނިހޫނުމިން އިތުރުވެ ފަރުތަކަށް ލިބެމުން އަންނަ ގެއްލުމަކީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ފާހަގަވެފައި އޮތް މައްސަލައެކެވެ.

ގާ ހުދުވެފައި ހުރި މުރަކަ -- ފޮޓޯ/ ޑައިވް މެގަޒިން

މި މައްސަލައިގެ ވާހަކަ ތަކުރާރުކޮށް ދައްކަމުން އައި ނަމަވެސް އެކަށީގެންވާ ގޮތެއްގައި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވ.ެ

މިދިޔަ އަހަރުގެ ފެބްރުއަރީ 16ގައި އެމެރިކާގެ ސެން ޑިއޭގޯގައި ކުރިއަށް ދިޔަ "އޯޝަން ސައިންސް މީޓިން 2020"އަށް ހަވާއި ޔުނިވަސީޓީން ހުށަހެޅި ދިރާސާ ރިޕޯޓެއްގައިވާ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި، މިހާރު ހުރި މުރަކަ ފަރުތަކުގެ 70-90 ޕަސެންޓް ހަލާކުވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ.

ގާ ހުދުވެފައި ހުރި މުރަކަ -- ފޮޓޯ/ ޑައިވް މެގަޒިން

އަދި މިހާރުގެ ހާލަތު އޮތް ގޮތަށް ކުރިއަަށްދާ ނަމަ 2045 ވަނަ އަހަރާ ހަމައަށް ދާއިރު ފަރުތައް އާލާކޮށް ދިރުންތައް ދެމެހެއްޓުން ވެގެންދާނީ ދަތިކަމަަކަށް ކަމަށް އެ ދިރާސާގައި ބުންޏެވެ.

އެއާއެކު މިއީ ރާއްޖެފަދަ ޖަޒީރާ ގައުމުތަކަށް އޮތް ބިރެވެ. ދުނިޔޭގެ ހަތްވަނައަށް އޮތް އެންމެ ބޮޑު ސަރަހައްދަކަށް ފަރުތައް އެކުލެވޭ ގައުމަކަށް ރާއްޖެވާއިރު ބައިނަލްއަގްވާމީ ގޮތުން އަޑު އުފުލައި، ނުރައްކާތަކުން ދިފާއުވުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

ރައީސް އޮފީހާއި ފިޝަރީޒް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ނޫ ރާއްޖެ ޕްރޮގްރާމުން ވަނީ މިދިޔަ އަހަރުގެ ތެރޭ ފަރުތަކާއި އޭގެ ދިރުންތަކާ ގުޅޭ ހާއްސަ ދިރާސާއެއް ކޮށްފައެވެ.

މި ދިރާސާގައި ބުނާ ގޮތުގައި ރާއްޖޭގެ ފަރުތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކޮރަލް ބްލީޗިން ނުވަތަ މުރަކަ ހުދުވުމުގެ މައްސަަލައެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުސްވެ ހޫނުމިން އިތުރުވުމަކީ ގާ ހުދުވުމަށް ދިމާވާ ކަމެކެވެ.

2016 ވަނަ އަހަރު ރާއްޖޭގެ ފަރުތަކުގައިވާ ދިރޭ މުރަކަތަކަށް ކުރިމަތިލާން ޖެހުނު ގާ ހުދުވުމުގެ ހާދިސާއަށްފަހު މިއަދު އަލުން ދިރޭ މުރަކައިގެ ނިސްބަތް މަޑު މަޑުން އިތުރުވަމުން އަންނަކަމަށް އެ ދިރާސާގައި ވަނީ ބުނެފައެވެ.

"ފަރުގެ ހާލަތު ރަނގަޅުވުމުގެ ސަބަބެއް ކަމުގައި، ސާވޭ ކުރެވުނު ސަރަހައްދުތަކުން ފާހަގަކުރެވުނު ޅަ މުރަކައިގެ މިންވަރު މަތިވުން ހިމެނެއެވެ. މި ގޮތުން ސާވޭ ކުރެވުނު ސަރަހައްދުތަކުގައި އެވްރެޖްކޮށް އަކަ މީޓަރަކަށް 14.3 ޅަ މުރަކަ ވާކަމަށް ސާވޭއިން ދައްކައެވެ،" ނޫ ރާއްޖޭގެ ސާވޭގައި ފާހަގަކޮށްފައިވެއެވެ.

މިއީ ފަރުތައް ރައްކާތެރިކުރުމަށް އިތުރަށް މަސައްްކަތްކުރަންޖެހޭކަން ހާމަވާކަމެކެވެ. ދިރާސާގައި އިތުރަށް ބުނާ ގޮތުގައި ފަރުތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށް ކުރީގެ ހާލަތަށް އިއާދަކުރެވުމުގެ ފުރުސަތު އެބައޮތެވެ. އަދި ފަރުތަކާއި އޭގައިވާ ދިރުންތައް އަންނަނީ އެފަދަ ގޮތަކަށް އެ ތަކެތީގެ ނިޒާމު ބައްޓަން ކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް ވަކިވަކި ފަރުތަކަށް ސީދާ ގޮތެއްގައި ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ފަރުގެ ހާލަތު އިއާދަވުމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ކަނޑު އަޑި --

ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަނީ މޫސުމަށްކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޓަކައެވެ. މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރައްވަމުންނެވެ.

ކުދި ޖަޒީރާ ގައުމުތަކަށް ދިރި ނޫޅެވުނު ދުނިޔެއެއްގައި ބޮޑު އެހެން ގައުމަކަށް ވެސް އުޅެވޭނެ ގޮތެއް ނެތްކަމަށް ރައީސް އދ. ގައި ތަގުރީރުކުރައްވަމުން ވިދާޅުވެފައިވެއެވެ. މިއީ އެތައް މެސެޖުތަކެއް ދޭ ވާހަކަފުޅަކަށް ވާއިރު ގައުމުތައް ގުޅިގެން މަސައްކަތްކުރުން މުހިންމެވެ.

ކޮޕް26 ސަމިޓުގައި ގައުމުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަަަސަރުތަކުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ވާހަކަ ދައްކާނެއެވެ. އަދި ރާއްޖެއިން ވެސް މި ކަންކަމަށް ވަކާލާތުކޮށް ގިނަ ވާހަކަތަކެއް ބައިނަލްއަގްވާމީ މުޖުތަމައުއަށް ދޫކުރާނެއެވެ.