ރައްޔިތުންގެ މަޖިލީސް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސްއަޅައި އެމްޑީޕީ އިން އިއްޔެ ބޭއްވި މުޒާހަރާގައި ފުލުހުން ހައްޔަރުކުރި 65 މީހުންގެ ތެރެއިން 60 މީހަކު ފުލުހުންގެ ހައްޔަރުގައި ބެއިތިއްބުމަށް ހުއްދަ ކްރިމިނަލް ކޯޓުން ރޭ ދީފި އެވެ.

އިއްޔެގެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރު ކުރި 65 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ 9:30ގައި ކްރިމިނަލް ކޯޓުގައި ފެށި ބަންދާ ބެހޭ ޝަރީއަތްތައް ނިމިފައި ވަނީ ރޭ މެންދަމު 2:30 ގަ އެވެ.

ފުލުހުން ބުނީ ފުލުހުންހައްޔަރު ކުރި އެންމެންގެ މައްޗަށް ކުރާތުހުމަތަކީ ރައީސް ޑރ. ވަހީދަށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މުޒާހަރާކޮށް ފުލުހުން މަނާކޮށްފައިވާ ސަރަހައްދުތަކަށް ވަދެފައި ވާތީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމުގެ ތުހުމަތު ކަމަށެވެ. އަދި ފުލުހުންގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުގެ ތުހުމަތު ވެސް ބައެއް މީހުންގެ މައްޗަށް ފުލުހުން ކުރެ އެވެ.

ފުލުހުން ހައްޔަރުކުރި 65 މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލުމަށް އަމުރު ކުރިއިރު 12 މީހަކު ތިން ދުވަހުގެ މުއްދަތަށް ފުލުހުންގެ ހައްޔަރުގައި ބެއިތިއްބުމުގެ ހުއްދަ ވެސް ވަނީ ކޯޓުން ދީފަ އެވެ.

ތިން ދުވަހަށް ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް އަމުރު ކުރި މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ގ. ކެނެރީގޭ އަހުމަދު ނާޒިމް އަބްދުއްސައްތާރު ވެސް ހިމެނެވެ.

ފުލުހުންނަށް ހަމަލާދިން މައްސަލައެއްގައި ދައުލަތުން ދައުވާކުރާ ދިއްދޫ، އޯޓަމްވާދީ، އުބައިދުﷲ ސައީދު ވެސް ތިން ދުވަހަށް ހައްޔަރުކޮށްފައި ބެހެއްޓުމަށް ރޭ ވަނީ އަމުރުކޮށްފަ އެވެ.

ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ބުނީ އޭނާ އެއްވެސް ގޮތަކަށް ފުލުހުންގެ ސަފުތައް ފަޅާލާފައި ވަދެފައި ނުވާނެ ކަމަށެވެ. އަދި ބުނީ އޭނާ އަކީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ކިޔަވަމުންދާ ދަރިވަރަކަށް ވާތީ ލުޔެއް ދިނުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން 23 މީހަކު ދެ ދުވަހަށް ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށާއި އަދި 25 މީހަކު ފަސް ދުވަހަށް ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ވެސް ވަނީ ކޯޓުން ހުއްދަދީފަ އެވެ.

ދެ ދުވަހަށް ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ހުއްދަދީފައިވާ މީހުންގެ ތެރޭގައި އެމްޑީޕީގެ އިސް އެކްޓިވިސްޓް މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) ވެސް ހިމެނެ އެވެ. އަދި ފަސް ދުވަހަށް ހައްޔަރުކޮށްފައި ބެހެއްޓުމަށް ހުއްދަ ދިން މީހުންގެ ތެރޭގައި ގއ. ކޮލަމާފުށީ ކައުންސިލް މެންބަރު ކޮލަމާފުށީ، ނިވައިދަށުގޭ، ރިޔާޒު ހުސެއިން ވެސް ހިމެނެ އެވެ.

ފަސް ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ މއ. ފޯޗިއުން، މުހައްމަދު އަލީ ރަޝީދުގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ރޭ ވަނީ އާދީއްތަ ދުވަހު ވައްކަމުގެ މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އޭނާއާ ކޯޓު އަމުރު ހަވާލު ވެސް ކޮށްފަ އެވެ.
މީގެ އިތުރުން ދެ މީހަކު ވަކި ކަންތައްތަކަށް ޝަރުތުކޮށް ރޭ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
އެ ޝަރުތުތަކަކީ ފުލުހުން އަންގާ ގަޑިއަކަށް ފުލުސް އޮފީހަށް ހާޒިރުވުމަށާއި ފުލުހުންގެ ހުއްދަ ނެތި މާލެ އިން ފުރައުގެން ނުދިޔުމެވެ. އެ ގޮތަށް ދޫކޮށްފައި ވަނީ މއ. ތުބުރުމާގޭ، އިބްރާހިމް ޝަރީފް އަދި މ. އަރާރަތްކުރި މުހައްމަދު އާދަމް އެވެ.

ބަންދާ ބެހޭ ޝަރީއަތުގެ މަޖިލީހުގައި ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތް އިރު އެމީހުން ހައްޔަރުކުރުމަށް އަމުރު ނުނެރެވޭނެ ކަމަށާއި މީހަކު ހައްޔަރުކުރަން އަމުރު ނެރޭ އިރު ސީދާ އެމީހަކު ކުރި ކުށެއް އޮންނަން ޖެހޭނެ ކަމަށެވެ.

ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ފުލުހުން ހައްޔަރުކުރި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ސަފުތައް ރޫޅާލައި މަގު ބަންދުކުރުމަށް ބަހައްޓާފައި ހުރިތަކެތި ނަގައި ފުލުހުންގެ ސަފުތެރެއަށް ވަދެފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެކަމުގެ ހެއްކަކީ ކޮބައިތޯ ގާޒީ އެއްސެވުމުން އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ހައްޔަރުކުރި އިރު ނޯޓު ކުރެވުނު ލިސްޓްގައި އެމީހުން ހައްޔަރު ކުރެވުނު ސަބަބު ލިޔެފައި އޮތް ކަމަށެވެ. އަދި އެ ލިސްޓު ވެސް އޭނާ ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.

އޭނާ ވިދާޅުވީ އިއްޔެގެ މަސްރަހު ހުރި ގޮތުން އެ މައްސަލައިގެ ބަޔާންތައް ފުލުހުންނަށް އަދި ތައްޔަރު ކުރެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މުޒާހަރާގެ ތެރެއިން ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކެއް ފުލުހުންގެ އަތުގައި އެބަހުރި ކަމަށާއި އެ ވީޑިއޯތައް ބެލުމަށް އަދި ފުލުހުންނަށް ވަގުތު ލިބިފައިނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ބަންދުގެ މުއްދަތު އިތުރު ކުރުމުގައި ރިއާޔަތްކޮށްފައި ވަނީ ދިފާއީ ވަކީލު ދައްކާފައިވާ ވާހަކަތަކާއި ފުލުހުން ދައްކާފައިވާ ވާހަކަތަކާއި އަދި އެ މީހުން ހައްޔަރުކުރި އިރު ނޯޓުކޮށްފައިވާ ލިސްޓުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އެ ލިސްޓަށް ބަލައިގެން މުއްދަތު ދޭ ނަމަ އެމީހުން ކޯޓަށް ގެންނާކަށް ނުޖެހޭނެ ކަމަށެވެ.

އޭނާ އެހެން ވިދާޅުވުމުން ގާޒީ ވިދާޅުވީ ކޯޓަށް ގެންނަން ޖެހޭ ކަމަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ އެމީހުންގެ ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ދެންގެންނަ ދުވަހަކުން އެ މައްސަލައިގައި ނަގަން ޖެހޭ ބަޔާންތަކާއި ލިބިފައިވާ ހެއްކާއި ގަރީނާ ކޯޓަށް ހުށަހެޅުމަށް ފުލުހުންނަށް އަންގައިފަ އެވެ.

ޝަރީއަތްތައް ނިމުމުން ސަންއޮންލައިނަށް މައުލޫމާތު ދެއްވަމުން އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ނެރުނު އަމުރުތަކަކީ ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރުތަކެއް ކަމަށާއި ބަންދުގެ މުއްދަތު އިތުރުކުރުމަށް ނެރެފައިވާ އަމުރުތައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.