31 Oct 2021, 16:51
16 ކްލާސްރޫމުގެ އިމާރާތާއެކު މާދަމާ އދ. އަތޮޅު ތައުލީމީ މަރުކަޒު އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އދ. މަހިބަދޫގައި ހުންނަ އެއަތޮޅުގެ އަތޮޅު ތައުލީމީ މަރުކަޒުގެ 16 ކްލާސްރޫމުގެ މަސައްކަތް ނިމި، އެ ކްލާސްރޫމުތައް ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއެވެ.
މި ރަސްމިއްޔާތުގައި އދ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ނަސީރުއާއި މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީގެ އިތުރުން އދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މޫސާ ނަދީމް އަދި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ ސްކޫލްތައް އެއްދަންފަޅިއަށް ހިންގުން ކަމަށެވެ. އޭގެ ސަބަބުން ރަސްމީ މުގައްރަރުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އަހުލާގީ ހުނަރުތައް އަށަގެންނެވުމަށް މަގުފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ 2014 ވަނަ އަހަރުން ފެށިގެން މަހިބަދޫގެ ރައްޔިތުން ކުރަމުންއައި އުންމީދުތަކަށް ނިމުމެއް ގެނެވުން ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިތާ ޖަމާވެ މިތިބީ، 6 ކްލާސްރޫމުގެ ހުވަފެނަކުން އޭރު ފެށިގެން އައި އުންމީދު، 2019 ވަނަ އަހަރު 16 ކިލާސްރޫމުގެ ބޮޑު އިމާރާތަކަށް ބަދަލުވެ، ބަޖެޓުކުރެވި، އިމާރާތް އަޅާ ހުޅުވޭ ރަސްމިއްޔާތު ފާހަގަ ކުރަން،" މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.
އެ އިމާރާތް ހުޅުވުމާ ގުޅިގެން އދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މޫސާ ނަދީމް "ސަން" އަށް ވިދާޅުވީ، އެ ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދެމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި ކްލާސްރޫމުގެ ދަތިކަން އޮތުމުގެ ސަބަބުން އިތުރު އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ދިނުމާއި އިތުރު ހަރަކާތްތައް ގޮންޖެހުންތައް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ސްކޫލަކީ އެކްސްޓްރާ ކަރިކިއުލާ އެކްޓްވިޓީސް ވަރަށް ރަނގަޅަށް ގެންދާ ތަނެއް. ސްކައުޓް ހަރަކާތާ، ގައިޑް ހަރަކާތާ އެކަހަލަ ކޭމްޕްތަކާ. މިކަންކަން އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ގާތްގަނޑަކަށް ތިރީހަކަށް އަހަރުވެދޭނެ،" ނަދީމް ވިދާޅުވިއެވެ.
މީގެ އިތުރުން ނަދީމް ވިދާޅުވީ، 598 ކުދިންގެ އާދާބީއެއް އޮންނަ އެ ސްކޫލް މާދަމާ އެއް ދަންފަޅިއަށް ބަދަލު ކުރުމާއެކު އިޖުތިމާއީ ކަންކަމަށް ކުދިން ތަރުބިއްޔަތު ކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހި ވެގެން ދާނެކަމަށެވެ.