31 Oct 2021, 14:14
ހއ. އިހަވަންދޫގެ އައިސްޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލިކަމަށް އިއުތިރާފްވުމަށްފަހު އެކަމަށް އިންކާރު ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާގެ ފަރާތުން ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.
އިއްސެ މަރާލި މައްސަލައިގައި ޝުމޮން މިއާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ތަހުގީގު މަރުހަލާއިން ފެށިގެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ވެސް ޝުމޮން މިއާ ވަނީ އޭނާ އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީ ކުށަށް އިއުތިރާފްވެފައެވެ. ނަމަވެސް އެ މައްސަލައިގައި ހުލާސާ ބަޔާން އިއްވަން އޮތް ދުވަހު ޝުމޮން މިއާ ވަނީ އެކުށަށް އިންކާރުކޮށްފައެވެ.
ދިވެހިން ރަނގަޅަށް ވާހަކަ ދައްކަން ދަތިތަކެއް ހުރުމުން ޝުމޮން މިއާ ބޭނުންވާ ވާހަކަތައް އަޑުއެހުމުގައި ކިޔައިދީފައިވަނީ ޓްރާންސްލޭޓަރެއްގެ އެހީގައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ޝުމޮން މިއާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކުރާ ކަމަށެވެ. ޝުމޮން މިއާގެ ވާހަކަތައް ބަދަލުވެފައި މި ވަނީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވުމުން އޭނާ ބުނީ، ތަހުގީގު މަރުހަލާގައި ކުށައް އިއުތިރާފްވީ ފުލުހުން އެކަމަށް މަޖުބޫރު ކުރުމުން ކަމަށާއި އަދި އޭނާއާއެކު އެ މައްސަލައިގައި ދެން ހައްޔަރުކުރި ދެ މީހުންވެސް އެކުގައި އެއް ގޮޅިއެއްގައި ބާއްވާނެކަމަށް ބުނުމުން ކަމަށެވެ. ނަމަވެސް އަނެއް ދެމީހުންގެ މައްޗަށް އުފުލި މީހެއްގެ މަރެއް ފޮރުވުމުގެ ދައުވާ ސާބިތުނުވުމުން އެ ދެ މީހުން ވަނީ ދޫކޮށްލާފައެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހުން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ވަނީ, ޝުމޮން މިއާގެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހުން ހާޒިރުކޮށްފައައެވެ. އަދި ޝުމޮން މިއާއަށް އެއްވެސް އަނިޔާއެއް ނުވަތަ މަޖުބޫރުކަަމެއް ކުރިމަތިކުރުވިންތޯ އެހުމުން އެކަމަށް ފުލުހުން ވަނީ އިންކާރުކޮށްފައެވެ.
ތިން ފުލުހުންގެ ބަހަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ކުށަށް އިންކާރުކޮށްފައިވާތީ ދިފާއުން އެއްވެސް ހެއްކެއް ހުށަހެޅުމަށް ބޭނުންތޯ އައްސަވާފައެވެ. ނަމަވެސް ޝުމޮން މިއާގެ ވަކީލް ވިދާޅުވީ, ދިފާއުން ހުށަހަޅާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފައެވެ.
އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ. އެކަމަށް ތައްޔާރުވުމަށް ގާޒީ ދެއްވީ 15 ދުވަހެވެ.
އިއްސެ މަރާލާފައި އޮއްވައި ފެނުނީ 2018 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުއެވެ.