02 Mar 2012, 00:27
ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލިހުގައި ހޭދަކުރެއްވި 10 ގަޑިއިރުތެރޭގައި ރިޔާސީ ބަޔާން އިއްވަވަން އެމްޑީޕީގެ ޕާލިމެންޓް މެންބަރުން ފުރުސަތު ނުދެއްވި ނަމަވެސް އެ ބަޔާން މަޖިލިހުގެ މެންބަރުންނަށް ދެއްވެވި ކަމަށް ރައީސުލްޖުމުހުރިއްޔާގެ ސުޕެޝަލް އެޑްވައިޒަރު ހަސަން ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސްގެ އެމްޑީޕީ މެންބަރުން މަޖިލިސް ހިސާރުކުރުމުގެ ހާދިސާ އާ ގުޅިގެން މިރޭ ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ހަސަން ވިދާޅުވީ ރައީސް ވަހީދު މަޖިލިސް އަށް ވަޑައިގެންނެވި ހިސާބުން އެމަނިކުފާނަށް ޖެއްސުންކުރުމުގެ އަމަލްތަކެއް ހިންގެވި ކަމަށާއި އެވަގުތު ތެރޭގައި ރައްޔިތުންގެ މަޖިލީހުން ރައީސަށް ދުސްތޫރީ ޒިންމާ އަދާކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވުމުން އެހިސާބުން ފެށިގެން ރިޔާސީ ބަޔާން ލިޔުމުން މަޖިލިހާ ހިއްސާކުރެއްވި ކަމަށެވެ.
"ރައީސުލްޖުމުހޫރިއްޔާގެ ދުސްތޫރީ ވާޖިބު އަދާކުރެއްވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރެއްވި. އެމަނިކުފާނު ކެތްތެރިކަމާ އެކު ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:30 ވަންދެން ގާތްގަނޑަކަށް މަޖިލިހުގައި ހުންނެވި. އެވަގުތު ތެރޭގައި މަޖިލިހުގެ އިދާރައަކުން މަޖިލިހުގެ ރިޔާސަތުން އެމަނިކުފާނުގެ ދުސްތޫރީ ޒިންމާ އަދާކުރޭވޭނެ އިންތިޒާމުތަކެއް ހަމަޖައްސައެއް ނުދެވުނު. ނަތީޖާއެއްގެ ގޮތުން އެމަނިކުފާނުގެ ދުސްތޫރީ ޒިންމާ އަދައެއް ނުކުރެވުނު. އެހެންނަމަވެސް ރިޔާސީ ބަޔާން ވަނީ މަޖިލީހާ ހަވާލްކޮށްފައި،" ހަސަން ވިދާޅުވި އެވެ.
ޑރ. ހަސަން ވިދާޅުވީ މަޖިލިސް ކުރާ ގޭގެ ތެރޭގައި ރައީސް ވަހީދު ސުލްހަ ވެރިކަމާ އެކު ކަންކަން ހަމަޖައްސަވަން މަސައްކަތް ކުރެއްވި ކަމަށާއި އަދި މަޖިލިހަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ރިޔާސީ ބަޔާން ސުލްހަވެރިކަމާ އެކު ހުށައެޅުއްވޭތޯ މަސައްކަތްކުރެއްވި ނަމަވެސް އެކަންކަން ކާމިޔާބުވާ ގޮތް ނުވުމުން ރިޔާސީ ބަޔާން މަޖިލިހުގެ މެންބަރުންނާ ހިއްސާކުރެއްވުން އެއީ ބަޔާން ދެއްވުނީ ކަމަށް މަޖިލީހުން ބަލައިގެންފި ނަމަ ރައީސް އެ ގޮތަށް ގަބޫލުފުޅު ކުރައްވާނެ ކަމަށާއި އަދި ފަހުން ޖަލްސާއެއް ބާއްވައި ރިޔާސީ ބަޔާން އިއްވަން ޖެހޭނެ ކަމަށް މަޖިލީހުން ނިންމައިފި ނަމަ އެގޮތަށް ވެސް ރައީސް އަމަލްކުރައްވާނެ ކަމަށެވެ.
"މަޝްވަރާގެ ނަތީޖާ އަކަށް ވާސިލްނުވެވުނީ ބައިވެރިން[އެމްޑީޕީ] އިހުލާސްތެރިނުވީމާ. އެމްޑީޕީން މަޝްވަރާގެ ފުރުސަތު ބޭނުންކުރީ މަޖިލިސް ހަލަބޮލިކޮށް ބޭއްވުމަށް. ކޮންމެ ފަހަރަކު މަޖުލިހުގެ އިދާރާ އިން މަޖިލިސްގެ ތަޅުން ހަމައަކަށް އަޅުވަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ފެނިގެން ދިޔައީ މަޝްވަރާގެ ވާހަކަތަކެއް ފެށުމަށް[އެމްޑިޕީ] ތައްޔާރުވާ ތަން. ހީލަތަކަށް އެކަން ބޭނުންކުރިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ،" ހަސަންވިދާޅުވި އެވެ.
މިރޭގެ ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން މިއަދު އެޖެންޑާ ކުރި ނަމަވެސް އެޖަލްސާ މިއަދު ނުބޭއްވޭހާ ހިނދު ރައީސް ގެ ދުސްތޫރީ ވާޖީބު ފެށޭ ހިސާބަށް ދިޔަކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި އެހާ ހިސާބަށް ދަންދެން ރައީސް އަދާކުރައްވަން ޖެހޭ ދުސްތޫރީ ވާޖިބު އަދާކުރެއްވި ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
"ރައީސުލްޖުމުހުރިއްޔާގެ ދުސްތޫރީ ވާޖިބު އަދާކުރެއްވުން މަތީ މިއަދު ހުންނެވިއޭ. ރައީސުލްޖުމުހުރިއްޔާ "އޮބްލިގޭޝަން" އަދާކުރައްވަން ޖެހޭ ހުރިހާ ހިސާބަކަށް އެއޮތީ މިއަދު އަދާކުރަށްވާފައި. ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގެ އޮބްލިގޭޝަންތައް އެހާހިސާބަށް އެ އޮތީ. އަޅުގަނޑުމެން ކަންކުރެވޭ އުސޫލުން ރައްޔިތުންގެ މަޖިލިހަށް އެ އޮތީ ރިޔާސީ ބަޔާން ވެސް ފޮނުވާފައި،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ 10 ގަޑިއިރުވަންދެން ހުންނެވީ ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ސާބިތުކަން މަތީގައި ކަމަށާއި އިޖުރާއީ ގޮތުން ހުރިހާ ކަމެއް ނިމި ރިޔާސީ ބަޔާން މަޖިލިހަށް ފޮނުވާފައިވާ ކަމަށާއި ދެން އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ޖެހޭނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު ކަމަށެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ޓަކައި ކުރަން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމުހުރިއްޔާ ރައްޔިތުންގެ މަޖިލިހަށް ހުށައަޅަން ވާނެ އެވެ.
ގާނޫނު އަސާސީގައި އެހެން ބުނެފައިވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވަންވަން ނިންމި ޖަލްސާ އަށް އެމްޑީޕީން ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ހުރަސްއެޅުމުން މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް މަޖިލިހުގެ ރައީސް ޝާހިދު ވަނީ ނިންމަވައިފަ އެވެ.