މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިން ސަސްޕެންޑް ކޮށްފިއެވެ.

އެމްއައިބީން ބުނީ، މުހައިމިން ސަސްޕެންޑު ކުރަން މިދިޔަ އަންގާރަ ދުވަހު އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ސަސްޕެންޑު ކުރިކަން އިއްޔެ އަންގާފައިވާ ކަމަށެވެ.

އެމްއައިބީން ބުނީ މުހައިމިން ސަސްޕެންޑު ކުރީ އެ ބޭންކުން މިހާރު ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް އެމްއައިބީން ހާމަ ނުކުރެއެވެ.

އެމްއައިބީގެ އެކްޓިން ސީއީއޯ އަކަށް މިހާރު ހަމަޖައްސާފައި ވަނީ މިހާރުގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ރިޒާއެވެ.

އެމްއައިބީގެ ސީއީއޯ ކަމާ މުހައިމިން ހަވާލުވެވަޑައިގެންނެވީ ޖެނުއަރީ 17، 2019ގައެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައިމިން ވަނީ މީގެ ކުރިން އެގައުމުގެ ޔުނައިޓެޑް ކޮމާޝަލް ބޭންކް (ޔޫސީބީ)ގެ ސީއީއޯ އަދި އެމްޑީކަން ކުރައްވައިފައެވެ. އަދި އޭގެ ކުރިން، އޭނާ ވަނީ ބަންގްލަދޭޝްގެ އެންމެ ބޮޑު އެއް ބޭންކް ކަމަށްވާ ބްރެކް ބޭންކް ލިމިޓެޑްގެ ސީއީއޯ އަދި އެމްޑީގެ މަގާމު ވެސް ފުރުއްވައިފައެވެ.