01 Nov 2021, 15:25
މޫސުމަށް އަންނަ ބަދަލުތަކާއެކު ގުދުރަތީ ކާރިސާތައް އިތުރުވެ، އޭގެ ސަބަބުން އާއްމު ދިރިއުޅުމަށް ކުރާ އަސަރުތައް އެންމެ ގާތުން ދެކެމުންދާ އެއް ބަޔަކީ ދިވެހީންނެވެ. އަދި އެފަދަ ގެއްލުންތަކުން ކުދި ގައުމުތައް ރައްކާތެރިކުރުމަށް ޓަކައި އެހީ ހޯދުމަށް ވަކާލާތު ކުރުމުގެ އެންމެ އިސް ސަފުގައި ވެސް ހަރަކާތްތެރިވަނީ ރާއްޖެއިންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބާއްވާ އެންމެ ބިޔަ ބައްދަލުވުން، ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް) ސަމިޓު ރާއްޖެއަށް މުހިއްމުވާ ސަބަބުތައް ފެށޭ ހިސާބަކީ އެއީއެވެ.
ތިމާވެއްޓާ ގުޅުން ހުރި މައްސަލަތަކާ ބެހޭ ގޮތުން ރާއްޖޭގައި ހޭލުންތެރިކަން އިތުރުކޮށް، އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް 1994 ވަނަ އަހަރު އުފެއްދި އިކޯކެއާ މޯލްޑިވްސްގެ ޑިރެކްޓާ އޮފް އެޑްވޮކެސީ މައީދު މުހައްމަދު ޒާހިރު ވިދާޅުވި ގޮތުގައި ކޮޕްގެ 26 ވަނަ ބައްދަލުވުން މިހާރު ބާއްވާއިރު، މިވަގުތުވެސް ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. އެގޮތުން ރާއްޖެއަކީ ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވެގެން އާމްދަނީ ހޯދާ ގައުމަކަށްވާ އިރު، މޫސުމަށް އަންނަ ބަދަލުތަކާއެކު ގައުމުގެ އިިގުތިސާދަށްވެސް ލޮޅުން އަރާނެކަން މައީދު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އާބާދީއާ އަޅުގަނޑުމެން ކުރާ މަސައްކަތަށް ބަލާ ނަމަވެސް ވަރަށް ތަފާތު ގުދުރަތީ ނިޒާމާ ގުޅިފަ ހުރި މަސައްކަތްތަކަށް އިގުތިސާދު ބިނާވެފަ މިއޮންނަނީ. އެހެންވީމަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ އިގުތިސާދަށާ އަޅުގަނޑުމެން އުޅޭ އުޅުމަށާ އަޅުގަނޑުމެންގެ ވެއްޓަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާ ކަމެއް،" މައީދު ތަފްސީލު ކޮށްދެއްވިއެވެ.
ކޮޕް ސަމިޓަކީ ކޮބާ؟
ކޮޕް ސަމިޓު ފެށުނީ 1992 ވަނަ އަހަރު އދ.ގެ ކޮންފަރެންސް އޮން އެންވަޔަރޮމެންޓް އެންޑް ޑެވެލޮޕްމެންޓް (ޔޫއެންސީއީޑީ)އިން ބޭއްވި ބައްދަލުވުމުގައި 154 ގައުމަކުން ސޮއި ކުރި ތިމާވެއްޓާ ބެހޭ މުއާހަދާއަށް ފަހުއެވެ. އެއީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) މުއާހަދާއެވެ.
އެ މުއާހަދާގެ ބޭނުމަކީ އިންސާނުން ޖައްވަށް ބޭރުކުރާ ވިހަގަދަ މާއްދާތާއް މަދުކޮށް، އިންސާނުންގެ ސަބަބުން މޫސުމީ ނިޒާމަށް އަންނަ ބަދަލު ކުޑަ ކުރެވޭނެ ކަންކަން ބައިނަލްއަގުވާމީ ފެންވަރެއްގައި ހޯދުމެވެ. އަދި އެ މުއާހަދާގެ މަގުސަދާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް 1995ވަނަ އަހަރުން ފެށިގެން އދ.ގެ ގައުމުތަކުން ދަނީ ކޮންމެ އަހަރަކުވެސް ކޮޕް ބައްދަލުވުންތައް ބާއްވަމުންނެވެ.

އިކޯކެއާ މޯލްޑިވްސްގެ ޑިރެކްޓާ އޮފް އެޑްވޮކެސީ މައީދު މުހައްމަދު ޒާހިރު -- ސަން ފޮޓޯ: އަހުމަދު އައިމަން
ކޮޕް26 ހާއްސަވާ ސަބަބަކީ ކޮބާ؟
ކޮޕް ބައްދަލުވުންތަކުގެ ތެރެއިން މިހާތަނަށް އެންމެ ކާމިޔާބު އެއް ބައްދަލުވުމުގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ 2015 ވަނަ އަހަރުގެ ސަމިޓެވެ. އެއީ ދުނިޔޭގެ ފިނި ހޫނުމިން ސިނާއީ އިންގިލާބުގެ ކުރިން ހުރި މިންވަރާ އަޅަ ބަލާއިރު، 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި ނުކުރުމަށް މަސައްކަތް ކުރުމަށް ހުރިހާ ގައުމަކުން އެއްބަސްވެ، ޕެރިސް އެގްރިމެންޓް އެކުލަވާލި ސަމިޓެވެ.
ޕެރިސް އެގްރިމެންޓުގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި ގިނަ ގައުމުތަކުން ވަނީ އެގައުމުތަކުން އަޅާނެ ފިޔަވަޅުތައް ނުވަތަ ނެޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ)ތައް ކަނޑައަޅާފައެވެ. އަދި މިފަހަރު ބާއްވާ ކޮޕް ބައްދަލުވުމަކީ ޕެރިސް އެގްރިމެންޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލު ކުރުމަށް ޓަކައި އިތުރަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އަމަލީ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ބާރު އަޅަން ލިބޭ ފުރުސަތެކެވެ.
"މި ކޮޕްގެ އެންމެ މުހިއްމު އެއް ބޭނުމަކީ ޕެރިސް އެގްރިމެންޓްގެ ރޫލްބުކް ފާސް ކުރުން. ޕެރިސް ރޫލްބުކްގަ މިއެއްބަސްވެވޭ ކަމަކީ އެގްޒެކްޓް ޓައިމްލައިންއެއް، ހުރިހާ ގައުމުތަކުން ކޮބާތޯ އަމަލު ކުރާނެ ގޮތަކީ ކޮން ޓައިމް ފްރޭމެއް ތެރޭގަތޯ ކަންތައްތައް ކުރާނީ. މިކަންކަން އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީކޮށް ފާސް ކުރަން ލިބޭ ފުރުސަތެއް މިއޮތީ މިފަހަރު މިބޭއްވޭ ކޮޕް26 ސަމިޓްގައި،" މައީދު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މި ސަމިޓަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ކަންބޮޑުވުންތައް މުޅި ދުނިޔެއަށް ފާޅުކޮށް، ޖަޒީރާތަކަށް ލިބެމުންދާ ގެއްލުމުގެ ބަދަލާއި އެހެނިހެން އެހީ ހޯދުމަށް ޓަކައި އަޑު އުފުލުމަށް ތަންދޭ އެއްވުމެކެވެ.
މިފަހަރު ކޮޕް ބައްދަލުވުން ބާއްވަނީ ކޮވިޑް-19ގެ އާލަމީވަބާގެ ސަބަބުން މިދިޔަ އަހަރު ސަމިޓު ނުބޭއްވި ދިއުމަށްފަހުގައެވެ. އެހެންކަމުން ގައުމުތަކުގެ އިގުތިސާދުތައް ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ތަރައްގީގެ ރޭވުންތަކުގައި ކްލައިމެޓް ރެޒިލިއެންސް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ކުރުވުމަށް ފިޔަވަޅު އަޅަން ހިތްވަރު ދިނުމަކީވެސް މި ބައްދަލުވުމުގައި އިސްކަން ދޭނެ ކަމެއް ކަމަށް މައީދު ވިދާޅުވިއެވެ.
އެހެން ނަމަވެސް މިހާރު ކުރިއަށްދާ ސަމިޓުގައި އެ މަސައްކަތްތައް ކާމިޔާބު ނުކުރެވިއްޖެ ނަމަ އެއީ ތިމާވެށީގެ ހިމާޔަތަށް ކުރަމުންދާ މަސައްކަތުގައި ފަހަތަށް އެޅޭނެ ފިޔަވަޅަކަށް ވާނެ ކަމަށްވެސް މައީދު ގަބޫލުކުރައްވައެވެ. އަދި އޭގެ ސަބަބުން ޔޫއެންއެފްސީސީސީއަށް އޮތް އިތުބާރު ގެއްލުމުގެ ނުރައްކާވެސް އޮންނާނެއެވެ.

ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހުންނެވީ ސްކޮޓްލެންޑުގައި -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަކީ ކޮބާ؟
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ނުރައްކާވެފައި ވާތީ މިއަހަރު ރާއްޖޭގައި ވަނީ ކްލައިމެޓް އެމާޖެންސީއެއް އިއުލާންކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ހާއްސަ މަންދޫބެއް އައްޔަންކޮށް، ސަރުކާރުން މި މައްސަލައަށް އަހަންމިއްޔަތުކަން ދޭ މިންވަރަށް އަލިއަޅުވާލުމުގެ ގޮތުން އެންވަޔަރޮމެންޓް މިނިސްޓްރީގެ ނަމަށް "ކްލައިމެޓް ޗޭންޖު" ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން، ރާއްޖެއިން ވަނީ ގައުމުން ބޭރުކުރާ ކާބަންގެ މިންވަރު 2030 އަންނަންވާ އިރަށް 26 ޕަސެންޓަށް ދަށްކޮށް، ނެޓް ޒީރޯ ގައުމަކަށް ހަދަން އަޒުމު ކަނޑައަޅާފައެވެ.
ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހުންނެވީ ސްކޮޓްލެންޑުގެ ގްލާސްގޯގައެވެ. އަދި ރާއްޖެއާއި އެހެން ޖަޒީރާތައް ވެސް އޮތީ މިރަށްތަކަށް މުސްތަގުބަލެއް އެބައޮތް ކަމުގެ ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް މި ސަމިޓުން ލިބިގެންދާނެ ކަމުގެ އުއްމީދުގައެވެ.