02 Mar 2012, 00:11
ސިޔާސީ މައްސަލަތައް ހައްލުކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ގާއިމްކޮށް، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ގޮތަކަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ]އެޗްއާރުސީއެމް[ އިން ބުނެފި އެވެ.
"...މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އުފެދިފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި މަޝްވަރާގެ އުސޫލުތައް އިސްކޮށް، އެއްބަޔަކު އަނެއް ބައެއްގެ އިތުބާރު ގާއިމްކޮށް، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތަކަށް އެންމެހާ ފަރާތްތަކުން އަމަލުތައް ބަހައްޓަން ޖެހެ އެވެ." އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
އެބަޔާނުގައި އަދި ބުނެފައި ވަނީ "ދިވެހި ރާއްޖޭގައި ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް، އިސްލާމީ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިމާޔަތް ކުރެވި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ތަބާވެ، އިހުތިރާމްކުރާ، ޒަމާނީ ވެއްޓެއް ގާއިމްވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް" ކަމަށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިނގައި ދިޔަ ކަންތައްތަކަކީ ޒަމާނީ ޑިމޮކްރެޓިކް މާހައުލެއްގައި ބަލައިގަނެވޭ ކަހަލަ ކަންތައްތަކެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެމްބަރުންގެ ކަރާމާތް ހިފެހެއްޓުމަކީ އިންސާނީ ހައްގުތަކާއި ގާނޫނުތައް ނެގެހެއްޓުމުގެ ނަޒަރުން ބެލިޔަސް ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަމަން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އަދި ހާއްސަކޮށް ފުލުހުން މިއަދު އަމަލުކޮށްފައިވާ ކެތްތެރިކަމާއި އަދި އެކަމުގައި ގާނޫނާ އެއްގޮތަށް އަމަލުކޮށްފައިވާތީ ސަލާމަތީ ބާރުތަކަށް ވަނީ ޝުކުރުދަންނަވައިފަ އެވެ.
މީހުންނަށް އަނިޔާވެ، މުދަލަށް ގެއްލުންވަމުން ދިއުމަކީ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށް ބުނެ އެފަދަ އަމަލުތަކުން ދުރުވެ ތިބުމަށް ވެސް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
".. މީހުންނަށް އަނިޔާވެ، އެކިފަރާތްތަކުގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ވަމުން ދާތީ މީގެ ކުރިން ވެސް މިކޮމިޝަނުން ކަންބޮޑުވުން ފައުޅުކޮށްފައިވާ ފަދައިން މިހާރު ވެސް މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ގޮވާލަމެވެ. ގައުމުގައި ހަލަބޮލިކަން އުފެދި ބިރުވެރިކަމުގެ ތެރޭގައި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަދި ހާއްސަ ގޮތެއްގައި ކުޑަކުދިންނަށާއި މިކަމުގައި އެއްވެސް ވަރަކަށް ޝާމިލު ނުވާ އެތައް ބައެއްގެ ހައްގުތައް ގެއްލެމުންދާތީ މިކޮމިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާކަމާއި މިގޮތަށް މެދުވެރިވިޔަ ނުދިނުދީ ސުލްހަވެރި އަމާން ވެއްޓެއް ގާއިމްކޮށްދިނުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.