ސީޒަން ފަށައިގެން ވިދިވިދިގެން ގިނަ މެޗުތަތަކުން ބަލިވެ، ރެލިގޭޓް ވެދާނެ ކަމަށް ބުނެ ގިނަބަޔަކު މައްލަވަ ކުރި އާސެނަލް ތާވަލުގެ ފަސްވަނައަށް އަރައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލެސްޓާ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއި އެކު ކުޅުނު 10 މެޗުން ހޯދި 17 ޕޮއިންޓާއި އެކު އާސެނަލް ވަނީ ފަސްވަނައަށް ޖެހިލައިފައެވެ. މިއަދުގެ މޮޅާއެކު އާސެނަލުން ވަނީ އެންމެ ފަހުން އެކި މުބާރާތްތަކުގައި ބަލިނުވެ ނުވަ މެޗު ހަމަކޮށްފައެވެ.

ސީޒަނުގެ ފުރަތަމަ ކޮޅު ލީގުގައި ކުޅުނު ގިނަ މެޗުތަކަކުން އާސެނަލް ވަނީ ބަލިވެފައެވެ. އެއާ އެކު އެ ޓީމުގެ ކޯޗަކަށް ހުރި މިކެލް އާޓެޓާ މަގާމުން ވަކިކުރުމަށް އެ ޓީމުގެ ސަޕޯޓަރުން ވެސް ވަނީ ގޮވާލައިފައެވެ. އަދި ލީގުގައި ކުރިއަށް ދިއުމަށް ވުރެން މިފަހަރުގެ ސީޒަނާ އެކު އާސެނަލް ރެލިގޭޓްވުން ކައިރި ކަމަށް ވެސް ގިނަބަޔަކު ވަނީ ގޮވާލައިފައެވެ.

ލީގުގައި ވަރުގަދައަށް އޮތް ލެސްޓާ އަތުން މިއަދު އާސެނަލް މޮޅުވި މެޗުގައި އެ ޓީމުން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗު ފެށިތާ ފަސް މިނަޓުގެ ތެރޭގައެވެ. ބުކަޔޯ ސަކާ ނަގައިދިން ކޯނަރަކުން އެ ގޯލު އެ ޓީމަށް ޖަހައިދިނީ ގެބްރިއަލްއެވެ.

އޭގެ 13 މިނެޓު ފަހުން އާސެނަލްގެ ލީޑު އިތުރަށް ފުޅާ ކޮށްދިނީ އެމީލް ސްމިތު-ރޯވްއެވެ.

މެޗުގައި އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކި އިރު، ލެސްޓާއިން ވެސް މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެހެން ނަމަވެސް ލެސްޓާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތް ނުވީ އާސެނަލުގެ ކީޕަރު އެެރޮން ރަމްސްޑޭލްގެ ހުށިޔާރުކަމުންނެވެ.