30 Oct 2021, 19:10
ނ. މާފަރު ސިއްހީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ސީދާ މިނިސްޓަރުގެ ބެލުމުގެ ދަށުން ކުރިއަށް ދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މާފަރު ސިއްހީ މަރުކަޒުގެ މަސައްކަތާ ގުޅިގެން "ސަން"އިން ސުވާލު ކުރުމުން އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ފާތިމަތު ޝޫބާ ވިދާޅުވީ އެ މަސައްކަތް ވަރަށް ހަލުވި ބާރުމިނެއްގައި ކުރިއަށް ދާ ކަމަށެެވެ. އަދި އެ މަސައްކަތް ކުރިއަށް ދަނީ ސީދާ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތާ ގުޅޭ އިތުރު ތަފްސީލެއް ޝޫބާ ނުދެއްވައެވެ.
މާފަރު ސިއްހީ މަރުކަޒުގެ ފުރާޅު ވަނީ 2019ވަނަ އަހަރުގެ ޖުލައި މަހު އެއްލައިލައިފައެވެ. އެ ފަހަރު ވެސް މަރާމާތު ކުރަން ޖެހުނީ އެ ސިއްހީ މަރުކަޒުގެ މެނޭޖަރު ސައިފުﷲ އަހުމަދު އަމިއްލައަށް ހަރަދު ކޮށްގެންނެވެ.
އޭގެ ފަހުން މާފަރު ސިއްހީ މަރުކަޒުގެ ސީލިންގަށް ވަރަށް ގިނައިން ފެން ފައިބައެވެ. އަދި އެތަނުގެ ލޭބަރ ރޫމްގެ ސީލިންގު އެތާ މަސައްކަތް ކުރާ މުވައްޒަފެއްގެ ބޮލަށް ވަނީ ވެއްޓިފައެވެ.
މިހާރު ވެސް ސީލިންގަށް ފެން އެޅޭއިރު ބަލިމީހުން ބަލާ ކޮޓަރީގެ ސީލިންގު ވަނީ ވެއްޓެން ކައިރިވެފައެވެ. އެހެންކަމުން އެތަނުގައި ބަލިމީހުން ބެލުން ހުއްޓާލާ، ބަލިމީހުން ބެލުން ވަނީ އޮފީސް ބަޔަށް ބަދަލު ކޮށްފައެވެ.
މާފަރުގެ ގިނަ ރައްޔިތުންތަކެއް އަންނަނީ މި މައްސަލަތަކާ ގުޅިގެން މީސްމީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ. އަދި މައްސަލައަށް ހައްލު ނުލިބިއްޖެނަމަ އިހުތިޖާޖު ކުރާނެ ކަމަށް ވެސް އެ ރަށުގެ ބައެއް މީހުން ބުނެއެވެ.