މި މަހުގެ 13ވަނަ ދުވަހު އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލި އެ ރަށު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލީ، އެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ އޭނާގެ އަތުން ފައިސާ ހޯދުމުގެ ބޭނުމުގައިކަން ފުލުހުންގެ ތަހުގީގަށް ހާމަވެއްޖެއެވެ.

މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ބަނގްލަދޭޝް މީހެއްކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް)އެވެ. އޭނާއަކީ އެ ރަށުގައި އުމުރުން ދުވަސްވީ މީހެއްކަމަށްވާ އާދަންބެ ބަލަހައްޓަން ހުންނަ މީހެކެވެ. އޭނާ އުޅުނީ އެ ރަށު ނެދުން ގޭގައެވެ. އޭނާ ވަނީ ފުލުހުންގެ ތަހުގީގަށް އޭނާ ކަންތައްކުރިގޮތް ކިޔާދީފައެވެ.

މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ އިސްވެރިން ހިމެނޭ ޓީމެއް މިއަދު ދަނގެއްޗަށް ވަޑައިގަތެވެ. އެ ޓީމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ފުލުހުންގެ ޓީމުން ވަނީ އެ ރަށަށް ވަޑައިގެން މަހުމޫދުގެ އާއިލާއާއި އެ ރަށު ކައުންސިލާ ބައްދަލު ކުރައްވާފައެވެ. އަދި ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ބައެއް މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.

ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި ސާލިމް، މަހުމޫދު މަރާލީ އޭނާ ދިރިއުޅޭ "ނެދުންގެ"އަށް ގެންދިއުމަށް ފަހުގައެވެ. އޭނާ ވަނީ މަހުމޫދު އެގެއަށް ގެންގޮސް ފައިސާއަށް އެދިފައެވެ. އަދި ފައިސާ ނުދިނުމުން ހިނގި ހަމަނުޖެހުމެއްގައި މަހުމޫދު މަރާލީ ކަމަށް ފުކުހުންގެ ތަހުގީގަށް އެނގިފައިވެއެވެ.

މަހުމޫދުގެ ގައިގެ އެތަން މިތަނަށް ސާލިމް ވަނީ ވަޅި ހަރާފައެވެ. އަދި މަހުމޫދު މަރާލުމަށްފަހު ސާލިމް ވަނީ މަހުމޫދުގެ ބޮލަށާއި ފަޔަށް ގޯންޏެއް އަރުވާފައެވެ. އަދި އޭނާ ދިރިއުޅޭ ނެދުންގޭގެ ބިއްދޮށުގައި ހުންނަ ފަޅުގޭގެ ވަޅުތެރެއަށް މަހުމޫދު ވައްޓާލީ ފާރުމަތިން މަހުމޫދު ބޭރަށް ވައްޓާލުމަށްފަހު ނަގައިގަނެގެން ގެންގޮހެވެ. މި ހުރިހާ ކަމެއްގައި ވެސް ސާލިމް ފިޔަވާ އިތުރު މީހަކު ޝާމިލު ނުވާކަން ތަހުގީގަށް އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ނެރުނު ނޫސްބަޔާނުގައި ވެސް ބުނެފައިވަނީ ސާލިމް ފިޔަވާ އިތުރު މީހެއްގެ ބައިވެރިވުން އެކަމުގައި އޮތްކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

މަހުމޫދު ގެއްލުނު ރޭ އޭނާގެ ވޮލެޓުގައި ފަންސަވީސް ހާހާއި ތިރީސްހާހާ ދެމެދުގެ އަދަދެއްގެ ފައިސާ ހުންނާނެކަމަަށް އާއިލާއިން ލަފާ ކުރެއެވެ. މަހުމޫދުގެ މަރުގެ ތަހުގީގަށް ބައެއް ތަކެތި ހޯދިފައިވާކަން ފުލުހުން ހާމަކުރި ނަމަވެސް ވޮލެޓު ފެނުނުކަން އާއިލާއަށް ވެސް މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވެސް ބުނެފައިވަނީ މަހުމޫދުގެ ފޯނާއި މަހުމޫދުގެ އައިޑީކާޑު ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި އެތަކެތި ހުރީ ނެދުންގޭ ތެރޭގައި ވަޅުލައިފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މަހުމޫދުގެ މަރާ ގުޅިގެން ސާލިމާ ދޭތެރޭ ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ އެގޭ ކައިރިން އިވުނު އަޑުތަކުންނާއި މީހަކަށް ފެނުނު މަންޒަރަކުންނެވެ. އެ ގޮތުން އެ ރޭ 9:30ހާއިރު އެގޭ ކައިިރިން ހިނގައިފައި ދިޔަ އަންހެނަކަށް މީހަކު ހަޅޭއް ލަވާ ކަހަލަ އަޑެއް އިވުނެވެ. އަދި އޭނާ ބޯދިއްކޮށް ބަލާލިއިރު މީހެއްގެ ދެފައިގައި ހިފައިގެން ގެންދާ ފަދަ މަންޒަރެއް ވަނީ ސިފަވެފައެވެ.

އެކަންކަމާ ގުޅިގެން މީހަކު ސާލިމަށް ގުޅާ ވަނީ ސުވާލު ވެސް ކޮށްފައެވެ. އޭނާ ބުނީ ބުޅަލެއް މަރާލީ ކަމަށެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ދަނގެތީ ރައްޔިތުން ފުރަތަމަ ތުހުމަތު ކުރީ ތޮއްޑޫ ދެމީހަކަށެވެ. އެ ދެމީހުން ގެންގުޅުނު ސައިކަލު ވެސް އެ ރަށު މީހުން ރޯކޮށްލިއެވެ.

އެ ދެމީހުން މިހާރު ދޫކޮށްލައިފައިވާއިރު މަހުމޫދުގެ މަރާ ގުޅިގެން އެމީހުންނަށް ޝައްކުވާ ކަމެއް އަދި ފެނިފައެއް ނުވެއެވެ.

ދަނގެތީ ގިނަ ރައްޔިތުން އަދިވެސް ތިބީ ހައިރާންކަން މަތީގައެވެ. އަދިވެސް އެ ރަށު ރައްޔިތުންނަށް އެކަމަކީ ސާލިމް އެކަނި ކުރިކަމެއް ކަން ގަބޫލުކުރަން ދައްޗެވެ.