01 Mar 2012, 23:54
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ބާއްވަން އުޅުނު ޖަލްސާ އަށް އެމްޑީޕީން ހުރަސްއެޅިއަސް އެ ޖަލްސާ ނުބޭއްވުނީ އަބްދުﷲ ޝާހިދުގެ "ފިނޑިކަމުން" ކަމަށް ބުނެ ބައެއް ސިޔާސީ ޕާޓީތަކުގެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޝާހިދަށް ފާޑު ކިޔަން ފަށައިފި އެވެ.
ބައެއް ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޝާހިދަށް ފާޑުކިޔުންތައް އަމާޒު ކުރީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީ ހުރަސްއެޅުމުން ވެސް އެކަންތައްތައް ހުއްޓުވުމަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެދެވޭ މަސައްކަތްތަކެއްކޮށްފައި ނުވާތީ ކަމަށް ބުނެ އެވެ. އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސް އަށް ދެއްވާފައިވާ އިހްތިޔާރީތަކުގެ ބޭނުން ނުކުރައްވައި ފިޔަވަޅުތަކެއް އަޅުއްވާފައިނުވާތީ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިލްހާން އަހުމަދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ ފަރާތުން ކޮންމެ ފަދަ ކަމެއް ހިނގިޔަސް، އެކަން ހުއްޓުވުމުގެ ގާބިލްކަން މަޖިލީހުގެ ރައީސްއަކަށް ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސިފައިންގެ ބޮޑީގާޑުންގެ އެހީތެރިކަމާ އެކު، މަޖިލީހުގެ ތަޅުމަށް ވެންނެވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ފަހު، އެނބުރި ވަޑައިގަތުމަކީ ޝާހިދުގެ ފިނޑިކަން ކަމަށް ވެސް އިލްހާމް ތުހުމަތު ކުރެއްވި އެވެ.
ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ އަބްދުﷲ ޝާހިދު މިހާރު އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށެވެ. ވެރިކަމަށް އާދެވޭނެ ދޮރެއް ހުޅުވިފައި ވުމުން އެކަމުގެ ނާޖައިޒް ފައިދާ އަބްދުﷲ ޝާހިދު ނެންގެވުމުގެ މަސައްކަތް ކުރެއްވި ތަން މިއަދު ފެނިގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.
ގައުމީ ޕާޓީގެ ނައިބު ރައީސް އިމާދު ސޯލިހު ވިދާޅުވީ އަބްދުﷲ ޝާހިދަށް މަޖިލިސް ކުރިއަށް ނުގެންދެންވެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކޮންމެ ފަދަ ކަމެއް ކުރިޔަސް، މަޖިލީހުގެ ރައީސްގެ ފުރިހަމަ ބާރާ އެކު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަަށެވެ.
ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާގާމު ހުސްވެއްޖެ ނަމަ އެ ދެ މަގާމު އަދާކުރައްވަން ޖެހޭނީ މަޖިލީހުގެ ރައީސް އެވެ. މަޖިލީހުގެ ރައީސް އެކަމަށް އުޒުރުވެރިވާ ނަމަ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސް އެވެ. މަޖިލީހުގެ ނައިބު ރައީސް އެ މަގާމު އަދާކުރައްވަން އުޒުރުވެރިވާ ނަމަ ރައީސުލްޖުމްހުއްރިއްޔާގެ މާގާމަށް އަންނާނީ މަޖިލީހުން ކަނޑައަޅާ މެންބަރެކެވެ.
މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ ނައިބު ރައީސްގެ އިތުރުން މަޖިލީހުން ކަނޑައަޅާ މެންބަރަކު ވަގުތީ ގޮތުން ވެރިކަމަށް ކުރައްވަން ޖެހިވަޑައިގަންނަވާނީ 60 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ ކަމަށް ގާނޫނު އަސާސީގެ 125 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވެ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް ޓަކައި 10 ގަޑިއިރު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިންނެވި އިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މަޖިލީހުގެ ނިޒާމް ގެއްލުވާލައި، މަޖިލީހުގެ ތަޅުމުގައި ހުރި ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގާފަ އެވެ. އެގޮތުން މަޖިލީހުގެ ރައީސް އިންނަވާ މޭޒުކޮޅުގެ ފުރަގަހުގައި ހުރި މަޖިލީހުގެ ދިދަ ވައްޓާލައި އެތާނގާއި ހުރި ގައުމީ ދިދަ ދަޑި ބިއްދާލާފައިވެ އެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި ހުރި ގޮނޑި، އެމްޑީޕީގެ ޕާލަމެންޓް މެންބަރުން ވަނީ ހޫރާލާފަ އެވެ.