17 Jul 2010, 15:00
19:00
ގައުމަށް ދިމާވެފައިވާމިވާ ސިޔާސީ އަދި ދުސްތޫރީ ޠޫފާނަކީ ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ދައުލަތުގެ ތިން ބާރުން ކަންތައް ކުރުމުގެ ނަތީޖާ ކަމަށް ބުނެ، ދައުލަތުގެ ތިން ބާރަށްވެސް ވަރަށް ބޮޑަށް ފާޑުކިޔައި ބައެއް މަދަނީ ޖަމިއްޔާތަކުން ގުޅިފައިވާ ބަޔާނެއް ނެރެފި އެވެ.
ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި މަޑުލާއި، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކާއި، ހުދަވޫ އެއިޑާއި، މޯލްޑިވްސް ޔޫތް އެކްޝަންގެ އިތުރުން ހޭންޑް އަދި ޑިމޮކްރެސީ ހައުސް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި އޮތް ދިމިގްރާތީ ޙަޔާތުގެ ޅަފަތުގެ ދުވަސްވަރުގައި ކަންކަން ހިނގައިގެން ނުވާނޭ ފަދަ ގޮތަކަށް ދައުލަތުގެ ތިން ބާރުން ވެސް ކަންކަން ކުރަމުން ގެންދާ ކަމަށާއި އެކަން އެ މަދަނީ ޖަމްޢިއްޔާތަކުން ބަލައިނުގަންނާނެ ކަމަށެވެ. ގައުމަށް މިއަދު ދިމާވެފައިވާ ސިޔާސީ އަދި ދުސްތޫރީ ތޫފާނަކީ، ދައުލަތުގެ ތިން ބާރުން އެއްބާރުން ކުރާ ކަންތައްތަކަށް އަނެއް ބާރުން އިޙްތިރާމް ކުޑަކޮށް، ޤާނޫނީ ތަރަހައިގެ ބޭރުން ލިބިފައިވާ ބާރުތައް ބޭނުންކުރުމުގެ ސަޤާފަތެއް އުފެދި، އެއް ބާރަށް ލިބިފައިވާ ބާރުތައް، އަނެއް ބާރުގެ ތެރެއަށް 'ފުރޮޅާލަން' ނުވަތަ 'ފިރުކައިގަންނަން' މަސައްކަތްކުރުމުގެ ނަތީޖާއެއް ކަމަށް ވެސް އެ ޖަމްޢިއްޔާތަކުން ޤަބޫލުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުން މިކަމަށް ދޭންޖެހޭ ވަރަށް އަހައްމިޔަތުކަން ނުދީ، ޒިންމާދާރުކަން ކުޑަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަކީ ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރުވެގެންދާ ކަމެއްކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ގައުމަށް ދިމާވެފައިވާ ޙަޤީޤީ މައްސަލަ ދެނެގަނެ، އެކަންތައްތަކާ ތެދުވެރިކަމާއެކު ކުރިމަތިލައި، މައްސަލަ ޙައްލުކުރަން އެކަށީގެންވާ މަސައްކަތެއް ނުކޮށް ތިބުމަކީ އެ މުއައްސަސާތަކުގެ ޒިންމާދާރުކަން ކުޑަކަމުގެ ދަލީލެއް ކަމަށް ވެސް ބުނެފައިވެ އެވެ.