ކޮޕް26 ސަމިޓްގައި ގައުމުތަކުން ބައިވެރިވާ "ނެގޯޝިއޭޓަރުން"ނާއި ލީޑަރުން "ކޮޕް ދަރިން" ހޯދިއިރު ވެސް ރާއްޖޭގެ ހުށަހެޅުންތަކަށް އެއްވެސް ހައްލެއް ނުލިބުނު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ "ދަ ގާޑިއަން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެންމެފަހުން ކޮޕް26 ސަމިޓުގައި އެމަނިކުފާނު ބައިވެރިވިއިރު ގައުމުތަކުން ބައިވެރިވާ ނެގޯޝިއޭޓަރުން އެކަކު އަނެކަކާ ކައިވެނިކޮށް ދަރިން ހޯދި އިރުވެސް ރާއްޖެއިން ހުށަހަޅާފައިވާ ކަންތައްތަކަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށެވެ.

"އެންމެ ފަހުން ކޮޕް ސަމިޓަށް އަޅުގަނޑު ދިޔައިރު އެތަނުން ބައްދަލުވި ބައެއް ނެގޯޝިއޭޓަރުން ކައިވެނިކޮށް 'ކޮޕް ދަރިން' ހޯދައިފި. އެކަމަކު އެއްވެސް މަޝްވަރާއަކަށް އެއްވެސް ހައްލެއް ނުހޯދޭ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން "ފްރޭމްވޯކުން" ބޭރުން އެއްބަސްވުމަށް ދާން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ އަސަރު ފޯރާނީ ހަމައެކަނި ރާއްޖެ ފަދަ ކުޑަ ގައުމަކަށް ނޫން ކަމަށާއި ބޮޑެތި ގައުމުތަކަށް ވެސް އޭގެ ނުރައްކާ އޮތް ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން ނަޝީދު ވަނީ އިޓަލީގައި ދިމާވި ފެންބޮޑުވުމުގެ ހާދިސާ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ ރަށްގިރުމުގެ މައްސަލަ ރާއްޖޭގެ 90 އިންސައްތަ ރަށްތަކަށް ދިމާވެފައިވާ ކަމަށާއި، ކޮންމެ މީޓަރެެއް ސަލާމަތް ކުރަން 5000 ޑޮލަރު ހަރަދުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގައި އެވަރަށް ފައިސާ ނެތް ކަމަށާއި އެފައިސާ ހޯދަން އަންނަނީ މަސައްކަތް ކުރަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ ގޮތުން އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ ވަނީ ނާޒުކު ފައްތަރެއްގައި ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމަކަށް މައްސަލައިގެ ސީރިއަސް ކަން ދެނެ ނުގަނެވިއްޖެ ނަމަ ތިމާވެށި ހަލާކުވެ ރަށްގިރުމުގެ މައްސަލަ ދިމާވެދާނެ ކަމުގެ ބިރުއެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހަތްދިހައިގެ އަހަރުތަކުގައި އެންމެ ފުރަތަމަ މުރަކަތަކުގެ ރީތިކަން "ގުގުލް" އިން ބަލާލެވުނީ އަހަރެމެން ދިވެހިންނަށް. ހަމައެހެންމެ އަޅާނުލެވިއްޖެނަމަ އެންމެ ފުރަތަމަ މިތަކެތި މަރުވާ ތަން ވެސް ފެންނާނީ އަހަރެމެންނަށް. އެދެވޭ ހައްލު ހޯދަން ކޮންމެ ފަރުދަކު ވެސް އަމިއްލަ އިސްނެގުމާއެކު މަސައްކަތް ކުރަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

މިކަން އިތުރަށް ސިފަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެއީ ރައްޔިތުންނަށް ދެވޭ މަރުގެ އަދަބެއް ކަމަށެވެ.

ރާއްޖެ ހެދިފައި އޮންނަ ގޮތުން މިއީ ބިންތިރި ގައުމަކަށް ވާއިރު ކަނޑުގެ ލޮނު ގަނޑު އިހުނަށް ވުރެ ބޮޑަށް އުފުލިއްޖެ ނަމަ ރާއްޖެ ނެތިގެންދާނެ ކަމީ މިހާރު ރާއްޖެއަށް އޮތް އެންމެ ބިރުވެރިކަން ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ރާއްޖޭގެ ރައްޔިތުން ދާނެ ދިމާލެއް ނެތް ކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިފަހުން ރާއްޖޭގެ މޫސުމަށް އައީ ވަރަށް ނުރައްކާތެރި ބަދަލެއް ކަމަށާއި ކަނޑުމަތީގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތައް ފާހަގަކުރއްވާ އެކަމާމެދު ހިތާމަ ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކަށް ދިމާވި ގޮންޖެހުންތައް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މޫސުމަށް އައި ބަދަލާ ގުޅިގެން އެތައް ބަޔަކު މޫދަށް ގެއްލިއްޖެ. އެތައް ބަޔަކު މަރުވެއްޖެ. އެތައް ބައެއް ދިރިއުޅެމުން އައި އިމާރާތްތައް ފަނާވެއްޖެ. އެތައް ބައެއްގެ މުދާތައް ގެއްލިއްޖެ. މިއީ ހިތާމަހުރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި ހުންނަ ރުށްތަކަކީ ގޮނޑުދޮށާއި ކައިރީ ހުންނަ ގަސްތަކަށް ވާއިރު ސަތޭކަ އެތައް ރުށްތަކެއް ވަނީ ނެތި ގޮސްފައެވެ. ގޮނޑުދޮށް ކައިރިއަށް ބީއްސާ ރާޅާ އެކު އެތަނުގައި ހުންނަ ރުށްތަކަށް އަސަރުފޯރައި ގޮނޑުދޮށް ގިރުމުގެ އިތުރުން ގަސްތައް ފަނާވަމުން އަންނާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ކޮޕް26ސަމިޓަށް ރާއްޖެއިން މައިގަނޑު ގޮތެއްގައި ތިން ކަމެއް ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ހުށަހެޅުންތަކަށް ހައްލެއް ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ސަރުކާރުން ބުންޏެވެ.

މި ފަހަރު ކޮޕް ސަމިޓްގައި ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެންވަޔަރަމެންޓް މިނިސްޓަރު މަރިޔަމް ޝައުނާ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އަންނަނީ މޫސުމީ ގޮތުން އަންނަ ބަދަލުތަކާ ގުޅިގެން އދ ގެ އާންމު މަޖިލީހުގައި އެދެވޭ ހައްލުތަކެއް ހޯދުމަށް ވަކާލާތުކޮށް މަސައްކަތް ކުރަމުންނެވެ.

މި ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަހަރަކު އެއް ފަހަރު އޮންނަ ކޮޕް26 ގެ ނަމުގައި ބާއްވަމުން އަންނަ ސަމިޓެކެވެ. އަދި މިފަހަރުގެ ސަމިޓުގައި އެމެރިކާގެ ރައީސް "ޖޯ ބައިޑެން" ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައެވެ.

ކޮޕް26 ގެ ސަމިޓް މިފަހަރު އޮންނާނީ ސްކޮޓްލަންޑްގެ ގްލަސްގޯގައެވެ.