30 Oct 2021, 13:15
އައިޖީއެމްއެޗްގެ ހުޅަނގު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވަނީ އެ ހޮސްޕިޓަލުގެ ކޫލިން ޓަވަރުން އެ ތަނަށް ފެން ދޫކުރާތީ ކަމަށާއި އެކަން ހައްލު ކުރަން ހުށަހަޅާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން ވަނީ މި މައްސަލަ ހައްލު ކުރުމާ ގުޅޭގޮތުން އައިޖީއެމް ހޮސްޕިޓަލާ އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
މިކަމާ ގުޅޭ ގޮތުން މުއިއްޒު "ސަން"އަށް ވިދާޅުވީ، އައިޖީއެމްއެޗް ކޫލިން ޓަވަރުތަކުން މަގުމައްޗަށް ފެން ދޫކުރަނީ ކައުންސިލަށް އެނގިގެން ނޫން ކަމަށެވެ.
"ކޮންމެއަކަސް މަގުމައްޗަށް ފެން ބޭރު ކުރުމަކީ މަނާ ކަމެއް. އަނެއްކާ އަޅުގަނޑުމެންގެ ހުއްދައެއް ވެސް ނެތް، މަޝްވަރާއެއް ވެސް ނުކުރޭ." މުއިއްޒު ވިދާޅުވިއެވެ.
އެ މައްސަލަ ހައްލު ކުރަން އައިޖީއެމްއެޗްއިން މީގެ ކުރިން ކުރި މަސައްކަތް ނާކާމިޔާބު ކަމަށް، އެ ހޮސްޕިޓަލާ ހަވާލާދީ މުއިއްޒު ވިދާޅުވިއެވެ.
"އެހެންވެ މިހާރު އެ ބޭފުޅުންނާ މަޝްވަރާ ކުރެވިފައި މި އޮތީ، އަޅުގަނޑުމެންގެ ލޭބަ ފޯސް ބޭނުންކޮށްގެން އެ މަސައްކަތް ކޮށްދޭނަމޭ، އެ ބޭފުޅުން ތަކެތި ފޯރުކޮށްދިނީމަ. ނޫނީ ބަޖެޓު ދެއްވަންޏާ. މަގުމައްޗަށް ފެން ޖަމާ ނުވެ، މޫދަށް ބޭރު ކުރެވޭނެ ގޮތެއް ހަމަޖައްސަން އަޅަން ޖެހޭ ހޮޅިއާއި ޕަމްޕު ބަހައްޓައިދީ، އެ މަސައްކަތް ކޮށްދޭ ގޮތަށް ހުށަހަޅާފައި އޮންނާނީ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކައުންސިލުން ހުށަހެޅި ގޮތަށް މަސައްކަތް ފެށުމަށް އަދި އައިޖީއެމްއެޗްގެ ފަރާތުން އިޝާރާތެއް ލިބިފައި ނުވާ ކަމަށެވެ.
މި މައްސަލަ ހައްލު ކުރަން ކައުންސިލްގެ ފުލް ޓީމް ނެރެން ތައްޔާރަށް ހުންނެވި ކަމަށާއި މުޅި މަސައްކަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.