30 Oct 2021, 12:42
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމުކޮށްފިއެވެ.
އެ ކޮމިއުނިޓީ ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުންނެވެ.

އެ ޕްރޮޖެކްޓުގެ މަގްސަދަކީ ރަށުގެ ރައްޔިތުން ހުސް ވަގުތުގައި އެއްވެ، ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށް، މުޖްތަމައުގައި އޮންނަ ގުޅުމާއި އެއްބައިވަންތަކަން އިތުރު ކުރުމެވެ.
ރަށުގެ ގޮނޑުދޮށާ ކައިރީގައި ގާއިމުކޮށްފައިވާ އެ ޕާކުގައި ރަށުގެ ރައްޔިތުންނަށް ބާބަކިއު ހެދުމާއި، އެކަކު އަނެކަކާ ބައްދަލުކޮށް ވަގުތު ހޭދަކޮށްލަން ތިބުމަށް ވަސީލަތްތަކާއި ފޮތް ހަރުގަނޑެއް ވެސް ބަަހައްޓާފައި ވެއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ދިއްދޫގައި ގާއިމުކުރި ޕާކު--
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ނަޝްވާން އިބްރާހިމް ވިދާޅުވީ ދިއްދޫ އަކީ އާބާދީގެ ގޮތުން އެ އަތޮޅުގެ އެންމެ ބޮޑު ރަށަށް ވީ ނަމަވެސް ހިތް ފަސޭހަ ކޮށްލައި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން އެ ރަށުގައި ވަރަށް މަދު ކަމަށެވެ.
"އެހެންވެ ރަށުގެ ރައްޔިތުންގެ ލާބައަށް އަޅުގަނޑުމެން ކުލަބުން ނިންމީ ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕުރޮޕޯސަލް ހުށަހެޅުމަށް. އެގޮތުން މިތަނުގައި ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖައްސައި، ޖޯލި އަދި އުނދޯލި އާއި ލައިބްރަރީއެއް ވަނީ ތަރައްގީ ކުރެވިފައި. އަޅުގަނޑުމެންގެ އުންމީދަކީ މިތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އުފާވެރި އަދި ހިތްގައިމު މާހައުލަކަށް ވެގެން ދިއުން." ނަޝްވާން ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ކޮންމެ ކުއާޓަރެއްގައި ވެސް ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެއެވެ. އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.