ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމެއް ނޮވެމްބަރު އަށްވަނަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ދައުވާ ފޯމް ބާތިލްކޮށްފައެވެ. އެއީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.

ހައިކޯޓުން މައްސަލަ ބަލައިގަތުމަށްފަހު ދައުވާ ފޯމް ބާތިލްކޮށްފައިވަނީ، އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށް ފަހުއެވެ.

ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެކަމާ ގުޅޭ ގޮތުން މިއަދު ވަނީ އަމުރެއް ނެރެފައެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދުއާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އަލީ ވަހީދު ރާއްޖޭގައި ނެތި އޭނާގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށެވެ.

ސުޕްރީމް ކޯޓުން ހަމަޖެއްސީ އެ މައްސަލައިގެ އަޑުއެހުމެއް މި ފެށޭ ނޮވެމްބަރު އަށްވަނަ ދުވަހު ބޭއްވުމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީއިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަށް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެކަން ޕީޖީއިން ވަނީ ފާހަގަކޮށްފައެވެ.