01 Mar 2012, 22:34
ޖެނީވާ (މާޗް 1) : ސޫރިޔާ ސަރުކާރުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ކަމަށްބުނެ އެކަން ކުށްވެރިކޮށް އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.
47 ޤައުމު ހިމެނޭ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ސޫރިޔާއާ ދެކޮޅަށް މިޤަރާރު ފާސްކުރީ 37 ވޯޓުގެ އަޣްލަބިއްޔަތަކުންނެވެ. މިޤަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓުދިން ތިން ޤައުމުގެ ތެރޭގައި ޗައިނާ އާއި ރަޝިޔާ ހިމެނެއެވެ. 3 ޤައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައިނުވާއިރު 4 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
ސޫރިޔާ ސަރުކާރު ވައްޓާލުމަށް މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން އެޤައުމުގައި ހިންގަމުން ގެންދާ ޙަރަކާތްތައް މިހާރުވަނީ އަހްލީ ހަނގުރާމައަކަށް ބަދަލުވެފައެވެ. އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުން ފާސްކުރި ޤަރާރުގައި ސޫރިޔާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީއެހީ ފޯރުކޮށްދިިނުމަށްވެސް ސޫރިޔާ ސަރުކާރަށް ގޮވާލާފައިވެއެވެ.
އަނެއްކޮޅުން ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ސަރުކާރާ ދެކޮޅަށް ހިންގާ ޢަސްކަރީ ޙަރަކާތްތައް ކޯޑިނޭޓް ކުރުމަށް އިސްތިޝާރީ އޮފީހެއް އުފައްދާފައެވެ. މިއޮފީހުގެ ބޭނުމަކީ ސަރުކާރު ވައްޓާލުމަށް ހަނގުރާމަކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީން ފޯރުކޮށްދިނުމުގެ ކަންތައް ވަކިއުސޫލަކުން ވިލަރެސްކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ ސީރިޔަން ނެޝަނަލް ކައުންސިލުގެ ރައީސް ޕްރޮފެސަރ ބުރްހާން ޣަލްޔޫން ވިދާޅުވިއެވެ.
އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީން ފޯރުކޮށްދިނުމުގެ ކަންތައް ވަކިއުސޫލަކުން ކުރިޔަށް ގެންދިޔަނަމަވެސް ސަރުކާރާ ދެކޮޅަށް ރައްޔިތުން ސުލްހަވެރިގޮތުގައި ހިންގާ ޙަރަކާތްތައް މުސްތަޤްބަލްގައިވެސް ކުރިޔަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. -- އަލްޖަޒީރާ