01 Nov 2021, 15:41
ދުނިޔޭގެ މޫސުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ބަޔޯޑައިވާސިޓީއަށް ކުރިމަތިވެފައިވާ ކާރިސާއަށް ވާސިލުވުމުގައި ރާއްޖެއިން ކުރި އެއްވެސް ކަމެއް ނެތެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން މިއަދު އެ ދެކެމުންދާ ތަރައްގީއަށް ވާސިލުވުމުގައި އަމަލުތައް ބެހެއްޓީ މާދަމާއެއް އޮތްތޯ ބަލައި ވެސް ނުލައެވެ. ހިތާމައަކީ މިކަމުގެ ހުރިހާ ތަކުލީފެއް އުފުލަން މި ޖެހެނީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމަކަށެވެ.

ވ. ފުލިދޫ ގޮނޑުދޮށް ގިރަނީ--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމަށް އައިސްފައިވާ ބަދަލުތަކަކީ ރާއްޖެއިން ކުރި ކަމަކުން ދިމާވި މައްސަލައެއް ނޫނެވެ. ނަމަވެސް މި މައްސަލަ ކުޑަ ކުރުމަށް ޓަކައި ރާއްޖެއިން މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކަށް މިސާލެކެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ ބައެއް މަސައްކަތްތައް
ޑީސެލުން އިރުގެ ހަކަތައަށް ބަދަލު ކުރުން - 2030ގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ ގައުމަކަށް ހެދުން
- 2023 ގެ ކުރިން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް އެތެރެކުރުން މަނާ ކުރުން
- 2030 ގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން މަދުވެގެން 20 ޕަސެންޓު ހިމާޔަތް ކުރުން
- ރާއްޖޭގެ 73 ސަރަހައްދެއް ވަނީ ހިމާޔަތް ކޮށްފައި (ފަރު، ރަށް، ފިނޮޅު، މެންގްރޯވް ހިމެނޭ ގޮތަށް)
- ފަރުގެ ޖުމުލަ ސަރަހައްދުގެ 13 ޕަސެންޓު ވަނީ ހިމާޔަތް ކޮށްފައި
ތެލުގެ ބަދަލުގައި އިރުގެ އަވިން އުފައްދާ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 32 މެގަވޯޓުގެ ސޯލާ ޕީވީ ވަނީ ހަރުކުރެވިފައެވެ. އެ ސޯލާ ޕީވީތަކުން މުޅި ރާއްޖެއިން ކުރާ ހަކަތައިގެ ޑިމާންޑުގެ 11.25 ޕަސެންޓު ހަކަތަ އުފެއްދޭނެއެވެ.

ސޯލާ ޕެނަލްތަކެއް---
ހަމައެއާއެކު ނުވަ ސޯލާ ޕީވީ ހަރު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާއިރު، އިތުރު 43 ސޯލާ ޕީވީ ހަރު ކުރުމާ ގުޅޭ މަސައްކަތް މިހާރު އޮތީ ބިޑިން މަރުހަލާގައެވެ. އަދި އެ ސޯލާ ޕީވީތަކުގެ އިތުރަށް 36 ސޯލާ ޕީވީ ހަރު ކުރަން ދަނީ ރާވަމުންނެވެ.
ސޯލާ ޕީވީގެ އެ އަމާޒަށް ވާސިލުވުމުން؛
ޖުމުލަ ސޯލާ ޕީވީ ކެޕޭސިޓީ: 119 މެގަވޮޓް
- އަހަރަކު 195،425 މެގަވޮޓް އަވާގެ ކަރަންޓު ޖެނެރޭޓު ކުރެވޭނެ
- އަހަރަކު 55،835614 ލީޓަރުގެ ތެޔޮ ސަލާމަތް ކުރެވޭނެ
- އަހަރަކު 138،947 ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭނުން ނުކޮށް ދޫކޮށްލެވޭނެ
މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެ ފަދަ ކުޑަ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ލާމަސީލު މިސާލެކެވެ.