ވިލިމާލޭގައި މޫދަށް އެރި އުޅުނު ބިދޭސީއެއް ގެނބެނިކޮށް ސަލާމަތްކޮށްފިއެވެ.

މި ހާދިސާގައި ގެނބުނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:41ހާއިރުކަމަށެވެ.

އެގޮތުން އޭނާ ގެނބުމާއެކު އޭނާ ސަލާމަތްކުރީ އެ ވަގުތު އެ ސަރަހައްދުގައި ހުރި ފުލުހެކެވެ. އޭނާ ސަލާމަތްކޮށްފައިވަނީ ވިލިމާލެ ބޯޓް ޔާޑާ ދިމާއިން ކަނޑުން ނަގައިގެންނެވެ.

އެއާއެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ފެށިކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވާކަމަށް ބުންޏެވެ. މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

މިއަދު ހުޅުމާލޭގައި ފަތުރުވެރިއަކު ކުއްލި ގޮތަކަށް މަރުވެފައިވެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ލަކުޑި ޖެޓީ ކައިރީގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި މަރުވީ ޑެންމާކަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އެ ޖެޓީ ކައިރީގައި ހުރި ގޮނޑިއެއްގައި އެމީހާ އިންދާ އަނބުރައިގަނެގެން ވެއްޓުނުކަމަށެވެ. އެއާއެކު ވަގުތުން އެ ފަތުރުވެރިޔާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރު އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.