29 Oct 2021, 20:04
މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ފްރާންސަށް ނިސްބަތްވާ ވިންސެންޓް ޕިޓާއޫގެ ދެމަފިރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.
އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕިޓާއޫ ބުނީ މިއީ އެ ދެމަފިރިން ރާއްޖެ އައި 20 ވަނަ ފަހަރު ކަމަށެވެ.
ޕިޓާއޫގެ އަންހެނުން ބުނީ ރާއްޖޭގައި އެދެމަފިރިން އެންމެ ކުރާހިތްވާ ކަމަކީ އަތިރިމަތީގައި ހިނގާލުމާއި ސްނޯކްލިންއަށް ދިޔުން ކަމަށެވެ.
"އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ. ބީޗާއި ޑައިވް ކުރަން ވަރަށް ހިތްގައިމު. އަދި ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބަޔެއް،" ޕިޓާއޫގެ ދެމަފިރިން ބުންޏެވެ.

ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ -- ސަން ފޮޓޯ
ހަމައެއާއެކު ޕިޓާއޫ އާއި އޭނާގެ އަންހެނުން ވަނީ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވުމަކީ ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށާއި މި ޗުއްޓީއަށް ފަހުވެސް ރާއްޖެ އަންނާނެ ކަމަށް ބުނެފައެވެ. އެގޮތުން އެމީހުން މިހާރު ރާވާފައި އޮތީ އަންނަ ފެބްރުއަރީ މަހު، ދެ ހަފްތާއަށް ރާއްޖެ އަންނަން ކަމަށް އެ ދެމަފިރިން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެއާ ހަމައަށް 992،196 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މިމަހުއެވެ. އެގޮތުން މި މަހުގެ މިހާތަނަށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މި އަހަރުގެ މާޗް މަހާއި ޖުލައި މަހުގެ އިތުރުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައިވެސް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއައެވެ.
ރާއްޖެއަށް މިހާރު އެވްރެޖުކޮށް ދުވާލަކަށް އަންނަ ފަތުރުވެރިންގެ އަދަދަކީ 4،494 އެވެ.
މިދިޔަ ބުދަ ދުވަހާ ހަމައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ، ރަޝިޔާ އަދި ޖަރުމަނާއި އެމެރިކާގެ އިތުރުން ސައުދީ އަރަބިއާއިންނެވެ.
ފްރާންސުން މިދިޔަ ބުދަ ދުވަހާ ހަމައަށް 18،864 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް އެރީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 555،494 ފަތުރުވެރިންނެވެ. އަދި 2019 ގައި 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.