01 Mar 2012, 22:32
ވޮޝިންޓަން (މާޗް 1) : އެމެރިކާގެ ހުޅަނގު މެދު ތެރޭގައިވާ ރައްތަކަށް ބާރުގަދަ ތޫފާންތަކެއް އައުމުގެ ސަބަބުން 12 މީހަކު މަރުވެ 100 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެވެ.
އެމެރިކާގެ ފެޑްރަލް މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި މިތޫފާންތައް ފުރަތަމައެރީ އިލިނޮއިސްއާއި މިޒޫރީ މިދެސްޓޭޓްގެ ރަށްތަކަކަށެވެ. މިޒޫރީ ގެ ގަވަރނަރ ޖޭއި ނިކްސަން ވިދާޅުވިގޮތުގައި މި ތޫފާންތައް އައީ ރޭ ދަންވަރު މީހުން ނިދާފަތިއްބައެވެ. މިސްޓޭޓްތަކުގައި ޤާއިމްކޮށްފައިވާ ތޫފާންތަކުގެ އިންޒާރު ދޭ ނިޒާމުން ދިން އިންޒާރުގެ ބަރުގޮނުތަކުގެ އަޑު ގިނަބަޔަކަށް ނީވުނީ މީހުން ނިދާފައި ތިބުމުގެ ސަބަބުން ކަމަށާ މީހުންނަށް ލިބުނު ގެއްލުން ބޮޑުވީ މިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ ދަންވަރުއައި ތޫފާންތައް އިލިނޮއިސްއާއި މިޒޫރީ ހުރަސް ކުރުމަށްފަހު ކެންޓަކީ، ޓެނެސީ، ލޫޒިޔާނާ، އޮހާއިޔޯ، އަދި ވެސްޓް ވާރޖީނިޔާއަށް ވެސް އަރާފައިވާ ކަމަށް އެމެރިކާގެ މީޑިޔާ ބުނެއެވެ. އެމެރިކާއަށް ތޫފާން ތައް އަންނަނީ މައިގަނޑު ގޮތެއްގައި މާޗް މަހާއި އެޕްރީލް މަހާ އަދި މޭ މަހުގެ ކުރީކޮޅުގައެވެ.
ރޭގެ ތޫފާންތަކުގައި މީހުން މަރުވެ ޒަޚަމްވުމުގެ އިތުރުން މިސްޓޭޓްތަކުގެ ގެތަކަށާއި ކަރަންޓް ސަޕްލައިތަކާއި އެނޫންވެސް އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށްވަނީ ގެއްލުންތަކެއް ލިބިފައި ކަމަށް ޚަބަރުލިބެއެވެ. މިގޮތުން އެންމެ ބޮޑު ގެއްލުން ލިބިފައިވަނީ އިލިނޮއިސްއާއި މިޒޫރީގެ ރައްތަކަށް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް