ގައުމީ ޓީމުގެ ފަރާތުން ފެނުނީ އެންމެ ފަހު ސިކުންތާއި ޖެހެންދެން ވެސް ހިތްވަރާއެކު މަސައްކަތްކޮށް، ގައުމަށް ޓަކައި ގުރުބާންވީ މަންޒަރު ކަމުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ކުރި ހިތްވަރު ފާހަގަކޮށް އެ ޓީމަށް ހިތްވަރު ދިނުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާބެހޭ ބައިގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުން، ސާފް ޗެންޕިއަންޝިޕް މުބާރާތުގައި ދެއްކި ހިތްވަރާއި އަޒުމަކީ ގައުމަށް ޓަކައި ކުރި ފަހުރުވެރި މަސައްކަތެއްކަމަށެވެ. އަދި ކުރިއަށް ހުރި މުބާރާތްތަކުގައި ވެސް ގައުމީ ޓީމަށް ފޮނި ކާމީޔާބީ ލިބޭނެކަމުގެ އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ގައުމީ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ސިޓީ ކައުންސިލް

އޭނާ ވިދާޅުވީ ޒަމާނުއްސުރެ، މާލޭގައި އޮންނަ އަވަށު ފޯރި ގެނައުމަށް ޓަކައި ސިޓީ ކައުންސިލްގެ ފަރާތުން ކުޅިވަރު މުބާރާތްތަކެއް ރާވާ އިންތިޒާމް ކުރާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލުގެ މަސައްކަތްތައް ރާވާ ތަރުތީބު ކުރާއިރު ކުޅިވަރުން އުފާވެރިކަން ގެނައުމުގެ ޕްރޮގްރާމްތައް ޕްލޭންތަކުގައި ހިމަނާނެ ކަމަށެވެ.

"މާލޭ ސިޓީ ކައުންސިލް، އަބަދު ވެސް ދެމި އޮންނާނީ މާލޭ ސިޓީ އަކީ ކުޅިވަރަށް ފަހި ފުރުސަތުތަކެއް ހުރި ސިޓީ އަކަށް ހެދުމުގެ ސިޔާސަތާއެކު. މި ސިޓީ އަކީ އެންމެން އެކީ ގައުމީ ރޫހެއްގައި ނުކުމެ، ކުޅިވަރުތައް ކުޅޭ ތަނަކަށް ހެދުމަށް އަޅުގަނޑު ބޭނުންވޭ،" މުއިއްޒު ވިދާޅުވިއެވެ.

ގައުމީ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ސިޓީ ކައުންސިލް

މި ހަފްލާގައި ވާހަކަ ދައްކަމުން ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނީ ގައުމީ ޓީމަށް އެންމެ ފުރިހަމަ ކާމިޔާބީ ނުލިބުނު ކަމުގައި ވިޔަސް މިދަނޑިވަޅުގައި މާލޭ މޭޔަރުގެ އިސްނެންގެވުމަކަށް، އެ ފަދަ ހަފްލާއެއް ބޭއްވުމުން ހާމަ ވަނީ ސަޕޯޓަރުންގެ ހިތްތަކުގައި ގައުމީ ޓީމަށް އޮތް ލޯތްބާއި ސަޕޯޓް ކަމަށެވެ.

މި ހަފްލާގައި ވާހަކަ ދައްވަމުން އެފް.އޭ.އެމް.ގެ ސީނިއަރ ނައިބު ރައީސް އަލީ އުމަރު ވިދާޅުވީ މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރި މަސައްކަތް އުފަލާއެކު ބަލައިގަންނަކަމަށެވެ.

ގައުމީ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މި ހަފުލާގައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ކައުންސިލަރުން ބައިވެރިވިއެވެ. މީގެ އިތުރުން ގައުމީ ޓީމާއި، އޮފިޝަލުނާއި އެފް.އޭ.އެމް.ގެ ވެރިން ވެސް ހަފްލާގައި ބައިވެރިވިއެވެ.