އީމާންކަމުގެ އެންމެ ކުޑަމިންވަރަކީ މަގުމަތިން ކުނިބުނި ނެގުންކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ހުތުބާ "މަގުމަތީގެ އަދަބުތަކަށް" ހާއްސަކޮށްފިއެވެ.

އިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައަށް އަލިއަޅުވާލައި ހުތުބާގައި ބުނީ އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިފައި ވާކަމަށެވެ.

އެގޮތުން އީމާންކަމުގެ އެންމެ މާތް، އެންމެ މަތީ ދަރަޖަ އަކީ، މާތް ﷲ މެނުވީ ހައްގުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާކަމަށް ހިތުގެ އަޑިން އަޑިން ގަބޫލުކޮށް އިގުގާރުވުން ކަމަށެވެ.

އަދި މަގުމަތިން ކުނިބޔުނި ނަގައި ސާފުކުރުމަކީ، އީމާންކަމުގެ އެންމެ ކުޑަމިންވަރު ކަމަށެވެ. އަދި ލަދުވެތި ވުމަކީވެސް އީމާންކަމުގެ ތެރެއިން ވާ ކަމެއްކަމަށް އެ ޙަދީޘްގައި ބަޔާންކުރިއެވެ.

ހުތުބާގައި ބުނީ، މުސްލިމުންގެ އަހުލާގީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭ ކަމަށެވެ.

އެގޮތުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުތުބާގައި ގޮވާލިއެވެ.

މަގުމަތީގައި އުޅޭއިރު އެހެންމީހުނަށް އުނދަގޫ ވާފަދަ ކަންތައްތަކުން ދުރުވާން ޖެހޭނެ ކަމަށާއި، މިޒަމާނުގެ ޓެކްނޮލިޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މީސްތަކުންގެ ގެތަކުގެ އެތެރެ ބެލުންފަދަ އަހުލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލުތައް ނުކުރުމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، މަގުމަތީގައި އުޅޭއިރު ތިމާ ބުނާ ބަހަުން ވިޔަސް، ކުރާ އަމަލަކުން ވިޔަސް އަދި އިޝާރާތަކުން ވިޔަސް އެހެން މީހުނަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެންކަމުން ދުރުވާން ޖެހޭ ކަމަށެވެ.