01 Mar 2012, 21:50
އެމްޑީޕީ އިން މިއަދު ރައްޔިތުން މަޖިލިސް "ހިސޯރު"ކޮށް ރައީސުލްޖުމުހުރިއްޔާއަށް ރިޔާސީ ބަޔާން ހުށައަޅަން ފުރުސަތު ނުދިނުމާ ގުޅިގެން މަޖިލިސް ހަމައަކަށް އެޅެންދެން ސުލްހައިގެ ވާހަކަތަކުން ޑީއާރްޕީ މިއަދު ވަކިވެއްޖެ އެވެ.
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަދި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) މިރޭ މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޯލްޕާޓީ ޓޯކުސްއިން ޑީއާރްޕީ ވަކީވީ މިއަދު މަޖިލިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި އަމަލު ކުރި ގޮތުން ކަމަށެވެ.
"ޑީއާރްޕީގެ ނައިބް ލީޑަރެއްގެ ހައިސިއްޔަތުން އަދި އޯލްޕާޓީ ޓޯކުސްގައި އަމަލީ ގޮތުން ބައިވެރިވާ މީހެއްގެ ހައިސިއްޔަތުން ދަންނަވާލަން ޖެހޭ ވާހަކަތަކަކީ މިއަދު މަޖިލިހުގައި ހިނގާކަންތައް ހިނގާދިޔަ ގޮތުން އޯލްޕާޓީ ޓޯކްސް ހިންގުމަށް އެކަށީގެންވާ މާހައުލެއް ނެތް. މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނީ ދޫދިނުންތަކެއް އޮވެގެން. އެހެންވެ މަޖިލިސްގެ މަސައްކަތް އަލުން ފެށިގެން ދަންދެން އޯލްޕާޓީ ޓޯކުސްތަކުން ޑިއާރުޕީން ވަކިވީ،" އަންޑޭ ވިދާޅުވި އެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ މިއަދު މަޖިލިސް ތެރެއިން ފެނުނު ކަންތައްތަކަށް ބަލާއިރު އޯލްޕާޓީ ޓޯކުސްއާ އެކު އެ ޕާޓީން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް މިއަދު ގަބޫލު ނުކުރެވޭ ކަމަށާއި މަޖިލިސް އަލުން ފެށިގެން ކުރިއަށްދާ ނަމަ އެހެން ޕާޓީތަކުން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވައިފި ނަމަ އެކަން ގަބޫލު ކުރައްވާނެ ކަމަށެވެ.
އަންޑޭ ވިދާޅުވީ މަޝްވަރާއަކަށް ދާން ޖެހޭ ކަމަށް ގަބޫލް ކުރެވެނީ އެމްޑީޕީން އަވަސް އިންތިހާބަކަށް ދިއުމަށް ގޮވާލުމުގެ ސަބަބުން އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ގަބޫލްކުރެވޭ ކަމަށާއި ނަމަވެސް މިހާރު އެމްޑީޕީގެ އަމަލުތައް ހުރި ގޮތުން އެކަމުގެ ތެރޭގައި ޑީއާރްޕީ ބައިވެރިވާން ޖެހޭކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
"މިއަދު މިފެނުނު މަންޒަރުން އެނގިއްޖެ އެމްޑީޕީގެ އިހުލާސްތެރިކަން ނެތްކަން، ގަދަބާރުން ކަންކަން ކުރަން ބޭނުން ވަނީ. އެހެންކަމުން މީގައި [އޯލްޕާޓީ ޓޯކުސް]ގައި ބައިވެރިމުގެ މަގްސަދެއް ނެތް،" އަންޑޭ ވިދާޅުވި އެވެ.
މިރޭ ދި ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ މިއަދު އެމްޑީޕީން މަޖިލީހުގެ ތެރޭގައި ކަންތައް ކުރިއަށްދިޔަ ގޮތުންނާއި އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންނާއި ކުރިމަތިލައި ފުލުހުންނަށް ހަމަލާ ދީފައިވާތީ އޯލްޕާޓީ ޓޯކުސް އިން ޕީޕީއެމް ވަކިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އޯލްޕާޓީ ޓްކުސްގައި ބައިވެރިވާ މީހެއް އަޅުގަނޑުމީ، 2013 އިގެ ކުރިން ލާހިކެއް ނޫން ދެނެއް އިލެކްޝަނެއް ބާއްވާކަށް، " އިލްހާމް ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ޕާލީމެންޓް މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ މީގެ ފަހުން ބާއްވާ އޯލްޕާޓީ ޓޯކުސްގައި ދެން ބައިވެރިވާނީ އޭނާ ކަމަށާއި އިންތިހާބެއް 2013 އިގެ ކުރިން ބޭއްވުމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
އޯލްޕާޓީ ޓޯކުސް އިން ޑީއާރްޕީ ވަކިވެފައިވީ އިރު މިހާތަނަށް ބޭއްވި މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.