01 Mar 2012, 21:14
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި ހުރަސް އެޅުމުން ބިންމައްޗަށް ވެއްޓި އެކިވަރުގެ އަނިޔާތައް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވަންވަން ނިންމި ޖަލްސާއަށް އެމްޑީޕީން ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ހުރަސްއެޅުމުން މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް ނިންމައި، އަބްދުﷲ ޝާހިދު ދެއްވި ބަޔާނެއްގައި ވިދާޅުވީ މަޖިލީހުގެ މާލަމަށް އެތަށް ފަހަރެއްގެ މަތިން ވަންނަވަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެމްޑީޕީގެ މެންބަރުން އެކަމަށް ހުރަސްއަޅުއްވާފައިވާ ކަމަށެވެ. އެދި އެންމެ ފަހުން ވަންނަން އުޅުނު ވަގުތު ބިންމައްޗަށް ވެއްޓި އެކިވަރުގެ އަނިޔާލިބިވަޑައިގެންފައިވާ ކަމަށެވެ.
"މަޖިލީހުގެ ޖަލްސާ ފެށުމައްޓަކާ އަޅުގަނޑު އެކިފަހަރުމަތިން ޖަލްސާ ކުރާ މާލަމަށް ވަންނަން މަސައްކަތް ކުރިން. ކޮންމެ ފަހަރަކުވެސް ވަނީ އަޅުގަނޑަށް މާލަމަށް ވަނަ ނުދެއްވާ އެކަމަށް ހުރަސްއަޅުއްވާފަ. އަދި އެންމެ ފަހުން ވަންނަން މަސައްކަތް ކުރި ފަހަރު އަޅުގަނޑު ވަނީ ބިންމައްޗައްވެއްޓި އެކިވަރުގެ އަނިޔާ އަޅުގަނޑަށް ލިބިފަ،" ޝާހިދު ވިދާޅުވި އެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް މިއަދު ބާއްވަން އުޅުނު ޖަލްސާ ފެށުމަށްޓަކައި ހަތަރު ފަހަރެއްގެ މަތިން މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަތުމަށް ޝާހިދު މަސައްކަތްޕުޅު ކުރެއްވި އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ޝާހިދު ތަޅުމަށް ވަންނަން މަސައްކަތްޕުޅު ކުރެއްވީ ސަލާމަތީ ބާރުތަކުގެ ބޭފުޅުންގެ އެހީއާއެކުގަ އެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓް މެންބަރުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއެޅުއްވުމުން މަޖިލީހުގެ މާހައުލު ހޫނުވެ މެންބަރުން ގަޔަށް އައްލައި، މާރާމާރީ ހިންގާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން އޮތް ގޮތަކީ ސިފައިން ތަޅުމުގައި ތިބިގެން ޖަލްސާ ކުރިއަށް ގެންދިއުން ކަމަށާއި ނަމަވެސް ސިފައިންގެ ބޭފުޅުން މަޖިލީހުގައި ހާޒިރުވެތިބެ، ޖަލްސާ ކުރިއަށް ގެންދިއުމަކީ ޅަފަތުގައިވާ ޑިމޮކްރަސީއަށް ފައިދާ ކުރާނެ ކަމެއް ނޫން ކަމަށެވެ.
މިއަހަރު ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ލަނޑުތަނޑިތައް ބަޔާންކުރާ ރިޔާސީ ބަޔާން އިއްވެވުމަށްޓައްކައި މިއަދު ހެނދުނު 9:45 ފެށިގެން ރައީސް ވަހީދު މަޖިލީހުގައި މިއަދު 10 ގަޑިއިރު ހޭދަކުރެއްވެވި އެވެ. ޝާހިދު ވިދާޅުވީ އެމަނިކުފާނު އިންނެވީ ވަރަށް ކެއްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ ގާނޫނީ ވާޖިބު އަދާކުރެވުމަށްޓަކައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީގުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ޅ)ގެ ދަށުން މަޖިލީހުގެ ރައީސްއަށް ލިބިގެންވާ އިހްތިޔާރުގެ ދަށުންނެވެ. ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހުޅުވާ ޖަލްސާ ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.
"ވަކިކަހަލަ ނުރައްކަލެއް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިވެދާނެ ކަމުގެ ބިރު އުފެދިއްޖެ ހިނދެއްގައި އެކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެމުއްތަށް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ އިހްތިޔާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ބ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ލިބިގެންވޭ،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ބާއްވަން އުޅުނު ޖަލްސާގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި މިއަދު ހިނގައިދިޔަ ހާދިސާތަކަކީ މަޖިލީހުގެ 79 އަހަރުވީ ތާރީހުގައި ފެނިގެންގޮސްފައި ނުވާފަދަ މަންޒަރުތަކެކެވެ. މަޖިލީހުގައި މިއަދު މާރާމާރީ ހިންގާފައިވާއިރު، މަޖިލީހުގެ ރިޔާސަތު އިންނަވާ ގޮނޑިގޮޅު ކައިރީގައި ހުރި ގައިމީ ދިދަ ބިންދާލާފައިވެ އެވެ. އަދި މަޖިލީހުގެ ރައީސްގެ މޭޒުކޮޅު މައްޗަށް ދެ މެންބަރުން އެރި އެވެ. އަދި މެންބަރުންގެ މޭޒުކޮޅު މައްޗަށް ބައެއް މެންބަރުން އެރި އިރު، އަވަގުރާނަ ގޮވާފައިވެ އެވެ.