30 Oct 2021, 18:41
އެއާޕޯޓެއްގެ ހުވަފެން ދެކެމުން އައި ނ. މާފަރު ރައްޔިތުންގެ އުއްމީދު ހަގީގަތަކަށް ވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި އެ ރަށު އެއާޕޯޓް ހުޅުވުމުން މާފަރު ރައްޔިތުންނަށް ލިބުނީ ބޮޑު އުފަލެކެވެ.
މިއަދު މާފަރު އެއާޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބިޒީ އެއާޕޯޓެވެ. އެއާޕޯޓުގެ ސަބަބުން މާފަރުގައި އެތައް ވަޒީފާއެއް ވަނީ އުފެދިފައެވެ. މާލޭގައި ދިރިއުޅުނު މާފަރުގެ ގިނަ ޒުވާނުން ވެސް މިއަދު ރަށަށް ބަދަލުވެފައިވަނީ ވަޒީފާގެ ފުރުސަތުތަކާއެކުގައެވެ.
ބައިނަލްއަގްވާމީ އެއާޕޯޓެއް މާފަރުގައި އޮތް ނަމަވެސް މާފަރުގެ ސިއްހީ ނިޒާމު މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެ ރަށުގެ ސިއްހީ މަރުކަޒު މިއަދު ހުރީ ވީރާނާވާން ކައިރިވެފައެވެ.
ދެ އަހަރު ކުރިން ކޮޅިގަނޑެއްގައި ޓިނުތައް އުކާލި
މާފަރު ސިއްހީ މަރުކަޒަކީ 2006 ވަނަ އަހަރު އިމާރާތް ކުރި ހޮސްޕިޓަލެކެވެ. އެންމެ ފުރަތަމަ ހެލްތު ޕޯސްޓެއްގެ ގޮތުގައި ހިންގި ނަމަވެސް މިހާރު އެ ތަން ވަނީ ސިއްހީ މަރުކަަޒަކަށް ބަދަލު ކުރެވިފައެވެ.
ސޯޅަ އަހަރު ވެފައިވާ މި އިމާރާތުގައި އެންމެ ބޮޑަށް ވީރާނާ ވެފައި ވަނީ ބަލިމީހުން ބަލާ ކޮޓަރިއާއި ވިއްސާ ކޮޓަރިއެވެ. ވިއްސާ ކޮޓަރިއަކީ މިހާރު އެކަމަށް ބޭނުން ކުރާ ކޮޓަރިއެއް ނޫނެވެ. އެ ތަން "ގުދަނެއް"ގެ ގޮތުގައި ބޭނުންކުރާތާ ވެސް ވަނީ އަހަރުތަކެއް ވެފައެވެ.
މާފަރު ސިއްހީ މަރުކަޒުގެ މެނޭޖަރު ސައިފުﷲ އަހުމަދު ވިދާޅުވީ 2019ވަނަ އަހަރު އައި ކޮޅިގަނޑެއްގައި ސިއްހީ މަރުކަޒުގެ ބައެއް ފުރާޅުތައް އެއްލާލިކަމަށެވެ. އަދި އެތަން މަރާމާތު ކުރުމަށް އެ ފަހަރު އެދުމުން ވެސް މިނިސްޓްރީން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ. އެހެންކަމުން އެކަން ކުރަން ޖެހުނީ ސައިފުﷲގެ އަމިއްލަ ހަރަދުގައެެވެ.

މާފަރު ސިއްހީ މަރުކަޒުގެ ފުރާޅު 2019ވަނަ އަހަރު ޖޫން މަހު އެއްލައިލި -- ފޮޓޯ/ ސައިފުﷲ އަހުމަދު
މިހާރު ވެސް މާފަރު ސިއްހީ މަރުކަޒުގައި އޮތީ އެ ޓިނުތަކެވެ. ޓިނުތަކުގެ މަތީގައި އެއްލައިލަފާނެތީ ހޮޅިއެއް ވެސް ބާއްވައިފައި އޮވެއެވެ.
ބަލިމީހުން ބަލަނީ އޮފީސް ބައިގައި!
ސިއްހީ މަރުކަޒުގެ ޓިނުތައް އެފަހަރު އުކާލީ ހުޅަނގު ފަރާތުންނެވެ. އޭގެ ފަހުން ސީލިންގަށް ވަރަށް ގިނައިން ފެން ފައިބާ ކަމަށް ސައިފުﷲ ވިދާޅުވިއެވެެ.
ސައިފު ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި ލޭބަރ ރޫމްގެ ސީލިންގު ވެއްޓުނު ކަމަށެވެ. އަދި އޭރު ވެސް ބަލިމީހުން ބަލާ ކޮޓަރިއަށް ފެން އެޅެމުންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މަސައްކަތަށް އިއުލާން ކޮށްގެން ބަޔަކަށް އެވޯޑް ވެސް ކުރި. ދިވެހި ކޮންސްޓްރަކްޝަން ކިޔާ ބައެއް އެއީ. އެކަމު އެމީހުން މަސައްކަތް ދޫކޮށްލީ. ދެން އިއުލާން ބާތިލު ކޮށްފަ އަލުން އިއުލާން ކުރަން މިނިސްޓްރީން އަނެއްކާ ވެސް އެންގީ،" ސައިފުﷲ ވިދާޅުވިއެވެ.
މިނިސްޓްރީން އެގޮތަށް އެންގުމުން އަނެއްކާ ވެސް މަސައްކަތަށް އަލުން އިއުލާނު ކުރިއެވެ. އެހެން ނަމަވެސް މި ފަަހަރު އަގު ހުށަހަޅާފައި އޮތް މީހުން ހުށަހަޅައިފައިވާ އަގު މާ ބޮޑު ކަމަށް ސައިފުﷲ ވިދާޅުވިއެވެ.
"ފުރަތަމަ ހަވާލުވީ މީހުން ދެލައްކަ ކޮންމެވެސް ވަރެއް ކީ. އެކަމަކު ފަހުން ހުށަހަޅާފައި އޮތް އެންމެ ކުޑަ އަގަކަށް ވެސް އޮތީ ހަތަރު ލައްކަ ނުވަދިހަ ހާސް،" ސައިފު ވިދާޅުވިއެވެ.
އެ ގޮތުގައި މަސައްކަތް ބަޔަކާ ހަވާލު ނުކުރެވި ދިގުލައިގެން ދަނިކޮށް ބަލިމީހުން ބަލާ ކޮޓަރީގެ ހާލަތު މިހާރު ވަނީ މާ ގޯސްވެފައެވެ. އެގޮތުން އެތަނުގައި މިހާރު ބަލި މީހުން ބަލަން އިންނާކަށް ޑޮކްޓަރަކަށް ނުކެރެއެވެ.
މުޅި ސީލިންގު ކަޅުވެފައިވާއިރު އެތަނުން ފެންތިކި ޖަހައެވެ. އެތަން ހީވަނީ ދެންމެދެންމެ ވެސް ބޮލަށް ވެއްްޓިދާނެ ހެންނެވެ. އެހެންކަމުން ޑޮކްޓަރު ވެސް އަދި ބަލިމީހުން ވެސް އެތަނަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ ލޭބަރ ރޫމްގެ ސީލިންގު ވެއްޓުނު ފަހަރު އެތަނުގެ މުވައްޒަފެއްގެ ބޮލަށް ވަނީ ސީލިންގު ވެއްޓިފައެެވެ.

މާފަރު ސިއްހީ މަރުކަޒުގެ ބަލިމީހުން ބަލާ ކޮޓަރި: އެތަނުގެ ސީލިންގު ވަނީ ވެއްޓެން ކައިރިވެފައި -- ސަން ފޮޓޯ
ބަލިމީހުން ބަލާ ކޮޓަރީގެ ހާލަތު ގޯސްވުމާއެކު ބަލިމީހުން ބެލުން މިހާރު ވަނީ އޮފީސް ބަޔަށް ބަދަލުކޮށްފައެވެ. އޭގެ ސަބަބުން ތަނުގެ މުވައްޒަފުންނަށް ގިނަ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
"އެޑްމިން މުވައްޒަފުން ވެސް މި ތިބެނީ އެތަނުގައި. ޕަބްލިކް ހެލްތު ވެސް އެތަނުގައި. އަޅުގަނޑު (މެނޭޖަރު) ވެސް އެތަނުގައި. މިހާރު ބަލިމީހަކު އަންނައިރަށް އަޅުގަނޑުމެން އެންމެން މިޖެހެނީ މަސައްކަތް ހުއްޓާލާފަ ނުކުންނަން،" ސައިފުﷲ ވިދާޅުވިއެވެ.

މާފަރު ސިއްހީ މަރުކަޒުގެ އޮފީސް ބައި: މިހާރު ބަލިމީހުން ބަލަނީ މި ތަނުގައި -- ސަން ފޮޓޯ
އެކަށީގެންވާ ވަރަށް މުވައްޒަފުންނެއް ނެތް!
މިދިޔަ މަހު މާފަރު ސިއްހީ މަރުކަޒު ވަނީ ލެވެލް ތިނަކަށް ގްރޭޑްކޮށް 24 ގަޑިއިރު ހިދުމަތް ދޭ ހޮސްޕިޓަލަކަށް ބަދަލު ކޮށްފައެވެ. އެހެން ނަމަވެސް އެ ރަށު ސިއްހީ މަރުކަޒު 24 ގަޑިއިރު ހުޅުވާފައެއް ނުހުރެއެވެ. ސަަބަބަކީ އެ ތަނުގައި އޮތް މުވައްޒަފުންގެ ދަތިކަމެވެ.
މާފަރު ސިއްހީ މަރުކަޒުގައި މިހާރު ހުރީ އެންމެ މެޑިކަލް އޮފިސަރެކެވެ. ތިން ނަރުހުންނެވެ. ސައިފުﷲ ވިދާޅުވީ 24 ގަޑިއިރު ހިދުމަތްދޭ ނަމަ އިތުރު ތިން މެޑިކަލް އޮފިސަރުންނާއި ފަސް ނަރުހުން ބޭނުންވާ ކަމަށެވެ.
ވޯޑުގެ ހާލަތު ދަށް، ލޭބަރ ރޫމެއް ނެތް!
މާފަރު ސިއްހީ މަރުކަޒުގައި "ވިއްސާ ކޮޓަރި"އެއް ހުރެއެވެ. އެހެން ނަމަވެސް އެތަނުގައި މާބަނޑު މީހުންނަށް ފަރުވާއެއް ނުދެވެއެވެ. އެހެންކަމުން ރަށުގައި ވިހާކަށް މާބަނޑު އަންހެނުންނަކަށް މަޑެއް ނުކުރެވެއެވެ. ފުރައިގެން ދާން ޖެހެނީ މާލެއަށެވެ. ނުވަތަ އެހެން ތަނަކަށެވެ.
"ޕްރެގްނެންޓް މީހުންނަށް އިންނާނީ ޑެލިވަރީއަށް އެހެން ތާކަށް ޑިއު ޑޭޓް ހަމަވުމުގެ ކުރިން ދާން އަންގާފަ،" ސައިފުﷲ ވިދާޅުވިއެވެ.
މާފަރު ސިއްހީ މަރުކަޒުގައި ލޭބަރ ރޫމްގެ އިނީ ހަމައެކަނި ނަންބޯޑެވެ. އެތަން ބޭނުން ކުރަމުން އަންނަނީ "ސްޓޯރޭޖް ރޫމް"އެއްގެ ގޮތުގައެވެ. ސަބަބަކީ އެތަނުގައި އެކަށީގެންވާ ވަރަށް ވަސީލަތްތައް ނެތުމެވެ.

މާފަރު ސިއްހީ މަރުކަޒުގެ ލޭބަރ ރޫމް -- ފޮޓޯ/ ސައިފުﷲ އަހުމަދު
ބައިނަލްއަގްވާމީ އެއާޕޯޓެއް މާފަރުގައި އޮތުމުން އެ ރަށަށް މިހާރު ވަރަށް ގިނަ މީހުން ދެއެވެ. އަތޮޅުގެ ހުރިހާ ރަށަކުންހެން މާލެއަށް ފުރަންއަދި މާލެއިން ރަށަށް ވެސް ދަނީ މާފަރު މަގުންނެވެ.
މާލެއަށް ދާން މާފަރަށް ފައިބާ ބައެއް ބަލިމީހުން ފްލައިޓް ޑިލޭވުމުގެ ސަބަބުން، އަދި އެހެން ވެސް ސަބަބުތަކާ ހުރެ ހޮސްޕިޓަލުގައި ބާއްވަން ޖެހެއެވެ.
އެހެން ނަމަވެސް މާފަރު ސިއްހީ މަރުކަޒުގައި ހުރީ ތިން އެނދެވެ. އެހެންކަމުން އެ ރަށު ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަން އިންތިހާއަށް އެބަހުއްޓެވެ.

މާފަރު ސިއްހީ މަރުކަޒުގެ ވޯޑު: އެތަނުގައި ހުރީ ތިން އެނދު-- ސަން ފޮޓޯ
"ރަށު ތެރޭގައި ފުލޫއެއް ކަހަލަ އެއްޗެއް އުޅޭއިރު މިސާލަކަށް ދެ ބަލިމީހުން ބާއްވާފަ އޮއްވާ، އިތުރު ދެމީހުން ރަށުން ބޭރުން އަޔަސް ކޭޓަރއެއް ނުކުރެވޭނެ،" ސައިފުﷲ ވިދާޅުވިއެވެ.
މާފަރު ސިއްހީ މަރުކަޒަށް އީއާރެއް ބޭނުންވޭ!
ބައިނަލްއަގްވާމީ އެއާޕޯޓެއް މާފަރުގައި އޮތުމާއެކު ސިއްހީ ނިޒާމު މިހާރަށްވުރެ ހަރުދަނާ ވާން ޖެހޭނެ ކަމަށް އެ ރަށު ރައްޔިތުން ގަބޫލުކުރެއެވެ. އެތަނުގައި ހިނގާފާނެ ހާދިސާއަކަށް ސިއްހީ މަރުކަޒުން އަބަދުވެސް އޮންނަން ޖެހެނީ ތައްޔާރަށެވެ.
އެހެން ނަމަވެސް މާފަރުގައި އެމަރޖެންސީ ރޫމް (އީއާރު) ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެއާޕޯޓު ހިންގާ ފަރާތުން ވެސް މިހާރު ސިއްހީ މަރުކަޒުގައި އީއާރެއް ހަދައިދިނުމަށް ވަނީ އެދިފައެވެ. އެހެން ނަމަވެސް އެކަމަށް ވެސް މިނިސްޓްރީން އިޖާބައެއް ނުދެއެވެ.
"މިނިސްޓްރީން ބުނަނީ އާ އިމާރާތާ އެއްކޮށް އީއާރު ބޮޑުވާނެ ކަމަށް. އެއީ ކިހާ ދުވަހެއްގެ ކަމެއްކަމެއް ނޭނގެ. މިހާރު ހުރި އިމާރާތުގައި ވެސް އެ ޚިދުމަތް ލިބޭވަރު ކޮށްދިނުން އެދެނީ،" ސައިފުﷲ ވިދާޅުވިއެވެ.
މާފަރު ސިއްހީ މަރުކަޒުގެ ސީލިންގުގެ އެކި ދިމަދިމާލުން މިހާރު ވެސް ފެން ފައިބާއިރު، ސީލިންގު ވެއްޓިދާނެކަމުގެ ބިރު ވަރަށް ބޮޑެވެ. މިހާރު ހާލަތު ހުރި ގޮތުން ބަލި މީހުން ބެލުން ވެސް އެެ ތަނުގައި ވެފައިވަނީ ތަކުލީފަކަށެވެ.
https://twitter.com/13aalim/status/1454408462197092352?s=21
މިއަދު މާފަރު ރައްޔިތުން ތިބީ މި ނޫން ގޮތެެއް ބޭނުންވެފައެވެ. ރަނގަޅު ސިއްހީ ނިޒާމަކަށް އިންތިޒާރު ކޮށްގެންނެވެ. މާފަރު ރައްޔިތުން މިއަދު އުފައްދާ ސުވާލެއް އެބައޮތެވެ. ބައިނަލްއަގްވާމީ އެއާޕޯޓެއް އޮތް މާފަރަށް ހައްގު މިންވަރަކީ މިއީ ތޯއެވެ.