28 Oct 2021, 17:08
އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ކޮވިޑް-19އަށް ފަރުވާ ދެމުންދަނިކޮށް މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާތަކެއް ފެންނަން ހުރި ކަމަށް ބުނެ، މައްސަލައެއް ފުލުހަށް ހުށަހަޅަައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އައްޑޫ ސިޓީ އިން ރޭ ކޮވިޑް ބަލީގައި މަރުވި 81 އަހަރުގެ އަންހެން މީހާގެ ހަށިގަނޑުގައި އަނިޔާތަކެއް ފެންނަން ހުރި ކަމަށް ބުނެ އާއިލާ އިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ ހުށަހަޅާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމުގައި އޮފިޝަލަކު ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް އެމީހާ މަރުވެފައިވަނީ ރޭ މެންދަމު 02:13 ހާއިރު ކަމަށެވެ.
އެއީ އައްޑޫ އިން ކޮވިޑް ބަލީގައި މަރުވި ނުވަ ވަނަ މީހާއެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ އަންގާރަ ދުވަހުގައެވެ. އެއީވެސް އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 243އަށް އަރާފައެވެ.