28 Oct 2021, 16:01
ހިޔާ މަޝްރޫއުގެ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ދީފައިވާ ގްރޭސް ޕީރިއަޑް ހަމަވުމުން ޓަވަރުތަކުގެ ލިފްޓާއި ސިޑި ބޭނުން ކުރެވޭނީ އެޗްޑީސީއިން އެކަމަށް ހާއްސަކޮށް ދޫކުރާ އެކްސެސް ކާޑަކުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމުމަށް ޓަކައި އަންނަ ޖެނުއަރީ މަހު ކުލި ނަގަން ފަށާ ގޮތަށް، ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ސަރުކާރުން ވަނީ ދީފައެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހިޔާ މަޝްރޫއުގެ ތެރޭގައި "އެކްސެސް ކޮންޓްރޯލް" ކުރުމުގެ ބައެއް ހިމެނޭ ކަމަށާއި މި ދުވަސްވަރު ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްދާތީ އާއި މިއީ ގްރޭސް ޕީރިއަޑަށް ވުމާއެކު އެކްސެސް ދޫކޮށްލާފައިވާ ކަމަށެވެ.
"އެކަމަކު ގްރޭސް ޕީރިއަޑް ނިމޭ ހިސާބުން އެކްސެސް ކޮންޓްރޯލް މެކޭނިޒަމް އަޕްކޮށްފައި، ދިރިއުޅޭ މީހުންނަށް އެކްސެސް ކާޑު ދޫކުރަން ފަށާނަން. ބިލްޑިންގެ ކޮމަން އޭރިއާ ނުވަތަ ގްރައުންޑް ފްލޯއަކީ ހުރިހާ އެންމެންނަށް ވެސް ވަދެވޭ ގޮތަށް ހުންނަ ތަނެއް. އެކަމަކު ބިލްޑިންގެ ސިޑިތަކާއި ލިފްޓުތައް ބޭނުން ކުރެވޭނީ ހަމައެކަނި އެ ބިލްޑިންއެއްގައި އުޅޭ މީހުންނަށް،" އޮފިޝަލް ވިދާޅުވިއެވެ.
މިހާރު ވެސް ހިޔާ ޓަވަރުތަކުގެ ބައެއް ލިފްޓުތަކުގައި މައްސަލަ ޖެހުމުގެ ޝަކުވާ، އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ކުރަމުންދާއިރު، އޭނާ ވިދާޅުވީ އެފަދަ މައްސަލަ ދިމާވަނީ މުދާ އުފުލުމުގައި ބަލަން ޖެހޭ ވަރަށް ނުބެލޭތީ ކަމަށެވެ.
"އެ ތަނުގައި ހަރުކޮށްފައި ހުރި ލިފްޓުތަކަކީ ޕެސެންޖާ ލިފްޓުތަކެއް. މިހާރު ދިރިއުޅޭ ފަރާތްތަކުން މުދާ އުފުލާ، ހާއްސަކޮށް ކޮންސްޓްރަކްޝަން ވޭސްޓް އުފުލާއިރު އެހާ ފަރުވާތެރިކަމެއް ނުބަހައްޓާ. އެހެންވެ ހިރަފުހާ އެއްކޮށް ލިފްޓުގެ ބައެއް ސެންސާތައް ބްލޮކް ވާތީ މި މައްސަލަތައް ދިމާވަނީ،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލިފްޓުތަކަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލު ކުރުމަށް ޓަކައި މަޝްރޫއުގެ ކޮންޓްރެކްޓަރުގެ ފަރާތުން މީހަކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެހެން ނަމަވެސް ބޮޑު މައްސަލައެއް ދިމާވެއްޖެ ނަމަ، ބައެއް ފަހަރު އެ މައްސަލަ ހައްލު ކުރެވެނީ ބޭރުން ސްޕެއާ ޕާޓްސް ހޯދައިގެން ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ލިފްޓަށް ޑެމޭޖެއް ވެފައި، އޭގެ ސްޕެއާ ވަގުތުން ނުލިބިއްޖެނަމަ ބޭރުން ސްޕެއާ ހޯދަން ޖެހެނީ. އެކަމަށް ވަގުތު ނަގާނެ... މިއަދާ ހަމައަށް އެއް ލިފްޓު ސާވިސް ނުކުރެވެނީ. އެއީ އެޗް16ގެ އެއް ލިފްޓު. އެ މަސައްކަތަށް ސްޕެއާ ބޭނުންވޭ،" އޮފިޝަލް ވިދާޅުވިއެވެ.
ހިޔާ ފްލެޓުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ޓަކައި އައުޓްސޯސް ކޮށްގެން ބަޔަކު ނެގުމުގެ މަސައްކަތް އެޗްޑީސީއިން މިހާރު ވެސް ދަނީ ކުރަމުންނެވެ. އެ މަސައްކަތް މިހާރު އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށާއި ކުރިއަށް އޮތް ހަފުތާގައި އެ މަސައްކަތް ނިމި، 16 ޓަވަރުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.
އެޗްޑީސީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން މިހާރު މީހުން ދިރިއުޅެމުންދަނީ ޖުމުލަ 646 ފްލެޓުގައެވެ.